އެމްޓީސީސީން ހުޅުމާލެ އާއި މާލެއާ ދެމެދު ދެމުން އަންނަ ފެރީގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް "ޑަބަލެ ޑެކް" ފެރީ ތައާރަފު ކުރާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީމް ވިދާޅުވީ "ޑަބަލް ޑެކް" ފެރީގެ ޓެސްޓު ދަތުރުތައް ފަށާފައިވ ކަމަށާއި އެ ފެރީއަކީ 180 މީހުންގެ ޖާގައިގެ ފެރީއެއް ކަމަށެވެ. އެ ފެރީއަކީ ވެހިކަލްތަކާއެކު މީހުން އުފުލޭ ގޮތަށް، ޑެކެއްއަޅައިގެން ފެރީގެ މަތީގަ އާއި ތިރީގައި މީހުން ތިބެވޭ ގޮތަށް ހަދާފައިވާ ފެރީއެކެވެ.

"މިހާރު އަޅުގަނޑުމެން ވާނެ ފައިބާގްލާސް ފެރީއެއް ތައާރަފުކޮށްފައި. އަދި އަޅުގަނޑުމެން ބުނިން ވަރަށް އަވަހަށް ޑަބަލް ޑެކް ފެރީއެއް ތައާރަފުކުރާ ވާހަކަ. ވަރަށް އުފަލާއެކީގައި ދަންނަވާލަން ބޭނުންވޭ މިއަދު އެ ފެރީގެ [ޑަބަލް ޑެކް ފެރީގެ] ޓެސްޓު ދަތުރުތައް ކުރަން ފެށިފައި ވަނީ،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީން ޑަބަލް ޑެކް ފެރީ ދަތުރުކުރުމުގެ ހުއްދަތައް ލިބުނުހާ އަވަހަކަށް ދަތުރުތައް ފަށަނެ ކަމަށާއި، ލަފާކުރާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ނުވަތަ ރޯދަމަހުގެ ފުރަތަމަކޮޅު ޑަބަލް ޑެކް ފެރީ އޮޕަރޭޝަނަށް ނެރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރޯދަ މަހު ގިނަ ދަތުރުތަކެއް ކުރާއިރު، ފެރީގައި ދަތުރުކުރާ ފަރާތްތަކަށް އެ ދަތުރުތަކަކީ ހިތްފަސޭހަ ދަތުރުތަކަކަށް ހަދައިދިނުމުގެ ބޭނުމުގައި، ފެރީގައި ފަންކާ ހަރުކުރެވޭނެ ގޮތެއް ހަމަޖައްސަން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ހަލީމް ވިދާޅުވީ އެ ކުންފުނިން ޑިޒައިންކޮށްފައިވާ ފެރީގެ ޑިޒައިންގެ މަސައްކަތް މިހާރު ނިމި ފެރީ ބިލްޑުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ތައާރަފު ކުރާނީ އޭގެ ދެ ފެރީކަމަށް ހަލީމް ވިދާޅުވި އެވެ.