ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ރާއްޖެ ގެނައި ފިޔާ، އަލުވި، ބިސް ހެޔޮ އަގުގައި މިއަދު ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ ސުޕަމާޓުގެ ހެޑް ފާތިމަތު އާޝާން މިއަދު "ސަން" އަށް ވިދާޅުވީ ފިޔާ އާއި އަލުވި ބަސްތާއެއް 250 ރުފިޔާއަށް ވިއްކާއިރު އެ ދެ ބާވަތުން ވެސް ވަކި ކިލޯއެއް 12 ރުފިޔާއަށް ވިއްކަމުން ދާ ކަމަށެވެ. ބިސްކޭހެއް 270 ރުފިޔާއަށް ވިއްކާއިރު ވަކި ބިހެއް ވިއްކަމުން ދަނީ 1.50 ރުފިޔާއަށެވެ.

އެތަކެތި ވިއްކަމުން ދަނީ އަމީނީމަގުގައި ހުންނަ އެސްޓީއޯ ހަތް ނަމްބަރު ގުދަނުންނާއި އެސްޓީއޯ ސުޕަމާކެޓުންނެވެ. ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަތޮޅު ތެރެއިން ވެސް އެތަކެތި ވިއްކާނެ ކަމަށް އާޝާން ވިދާޅުވި އެވެ.

އެސްޓީއޯއިން މިދިޔަ ރޯދަ މަހަށް ހާއްސަކޮށްގެން އަލުވި ބަސްތާއެއް ވިއްކާފައި ވަނީ 225 ރުފިޔާއަށެވެ. ވަކި ކިލޯއެއް ވިއްކީ 10 ރުފިޔާއަށެވެ. މިދިޔަ ރޯދަޔަށް ބިސްކޭހެއް 250 ރުފިޔާއަށް ވިއްކިއިރު ވަކި ބިހެއް ވިއްކީ 1.25 ރުފިޔާއަށެވެ.

މިފަހަރު ވެސް ސުޓޮކް ހުސްވިޔަ ނުދީ ތަކެތި ފޯރުކޮށްދިނުމަށް ބޮޑު ސަމާލު ކަމެއް ދޭނެ ކަމަށް އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރު ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ގިނަ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުވެ އެވެ. އެއާއެކު ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓަން އެސްޓީއޯއިން އާންމު ކާބޯތަކެތީގެ ބައެއް ބާވަތްތައް ރާއްޖެ ގެނެސް އަގު ވަކި ވަރެއްގައި ހިފަހަޓަން މަސައްކަތް ކުރެ އެވެ.