ކ. ތުލުސްދޫ އާއި ށ. ފުނަދޫގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސިޔާސީ ބައެއް ފަރާތްތަކުން އެފަރާތްތައް ތާއީދުކުރާ ސިޔާސީ ވިސްނުންތަކާ އެއްގޮތަށް ނޫނީ ޢަމަލު ނުކުރުމަށް ފުލުހުންނަށް އިންޒާރުދީ ބިރުދައްކައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައިފައިވާ ކަމަށް ބުނެ، ފުލުހުން އެ މައްސަލަތައް ބަލަން ފަށައިފި އެވެ.

ސިޔާސީ ބައެއް ފަރާތްތަކުން އެބަޔަކު ތާއީދު ކުރާ ސިޔާސީ ފިކުރަކާ އެއްގޮތަށް އާއްމުންނަށް ހަގީގަތް އޮޅޭ ގޮތަށް، ތަފާތު މައުލޫމާތުތައް ފަތުރާ ހަމަނުޖެހުންތަކަށް މަގުފަހިވާ ގޮތަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ފުލުހުން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ސިޔާސީ ފަރާތްތަކުން އިސްކޮށް ތިބެ ފުލުހުންނަށް ހަމަލައިދީފައިވާ ކަމަށެވެ.

"މިކަންތައްތަކާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން އިސްކޮށް ތިބެ އެތަންތާގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނާ ކުރިމަތިލައި، ފުލުހުންނަށް ހަމަލާދީ ބައެއް ފުލުހުންނަށް ބޮޑެތި ޖިސްމާނީ އަނިޔާތައްދީ މާރާމާރީ ހިންގުމަށްފަހު، ކަމުގެ ހަގީގަތް އޮޅުވާލާ ފުލުހުންގެ މުއައްސަސާއަށް ނިސްބަތްކޮށް ތަފާތު ދޮގު ވާހަކަތައް ވަނީ ދައްކައިފައެވެ."

އަދި އެ މައްސަލަތައް މިހާރު ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، ސިޔާސީ ބައެއް ފަރާތްތަކުން އެފަރާތްތަކަށް ސިޔާސީ ގޮތުން ފައިދާހުރި ގޮތް ގޮތަށް އެކަނި އަމަލުކުރުމަށް ފުލުހުންނަށް ގޮވައިލި ނަމަވެސް ޤާނޫނު ނެގެހެއްޓުމުގައި ފުލުހުން އަދާކުރަންޖެހޭ ދައުރު ފުލުހުން އަދާކުރާނީ ޤާނޫނީ އިމުގެ ތެރެއިން މުޅި މުޖްތަމައުގެ މަސްލަޙަތާ ގައުމުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ކަމަށެވެ.

ފުލުހުން ބުނީ، އެ ދެއަތޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހިނގަން ފަށާފައި ވަނީ ށ. އަތޮޅާއި ކ. އަތޮޅުގައި އެ ދެއަތޮޅަށް އިންތިޚާބް ވެފައިވާ އަތޮޅު ކައުންސިލް ހިންގުމަށްޓަކައި ރާއްޖޭގައި އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 127 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ކައުންސިލްތަކުގެ އިދާރާ ރައީސުލް ޖުމްހޫރިއްޔާ ޤާއިމްކޮށްދެއްވާފައި ވަނިކޮށް، ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި، ކުރިން އެދެއަތޮޅުގައި އަތޮޅު އޮފީސް ހިންގި އިމާރާތްތަކަށް އެ ދެއަތޮޅަށް އިންތިޚާބުވި ބައެއް ބޭފުޅުން އަމިއްލައަށް ވަދެ އިމާރާތާއި އެތާނގައި ހުރި ދައުލަތުގެ މުދާ ބޭނުން ކުރަން ފެށުމުގެ ސަބަބުން ކަމަށެވެ.

އެ ދެތަން އެ ގޮތަށް ބޭނުންކުރަން ފެށުމުން އެދެތަނުގައި ހުރި ދައުލަތުގެ މުދާ ބަލަހައްޓައިދީ އެކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހޯމް މިނިސްޓްރީން ފުލުހުނަށް އެދިފައިވާ ކަމަށާއި އަދި އެދެތަން އެފަރާތްތަކުން ބޭނުންކުރާނަމަ އެކަން އޮންނަ އުސޫލުން ހައްލުކޮށް ބޭނުން ކުރުމަށް އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ފުލުހުން ވަނީ ތަކުރާރުކޮށް ދަންނަވާ އިލްތިމާސް ކޮށްފައި ކަމަށް ވެސް ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

"ނަމަވެސް ސުލްޙަވެރިކަމާއެކު އެކަން ޙައްލު ކުރުމުގެ ބަދަލުގައި އެތަންތާގައި ހުރި ދައުލަތުގެ މުދަލާއި ތަކެތި ހިމާޔަތްކޮށް ބެލެހެއްޓުމުގެ ގޮތުން ފުލުހުން ބައެއް ފިޔަވަޅުތައް އަޅާފައި ވަނިކޮށް ދައުލަތުގެ ބައެއް މުދަލަށް ގެއްލުން ދިނުމަށްފަހު މިކަމުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ވަނީ އެތަންތާގެ ތެރެއަށް ގަދަކަމުން ވަދެ ތަކެތި ބޭނުންވެސް ކޮށްފައެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެކިއެކި ކައުންސިލްތަކަށް ހޮވިފައިވާ ފަރާތްތައް ބޭނުންކޮށްގެން އެއްވެސް ފަރާތަކުން ތަފާތު ގޮތް ގޮތަށް ޤައުމުގައި ބައިބައިވުންތައް އުފައްދާ ދާޚިލީ ހަމަނުޖެހުމެއް ގެނައުމަށް މަސައްކަތް ނުކުރުމަށް ފުލުހުންގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. އަދި އެއްވެސް ފަރާތަކަށް އެފަދަ ފުރުސަތެއް ނުދޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.