މިހާރު ނެރެމުން އަންނަ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރުމަށް ހޯމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ރީ ރަޖިސްޓުރީ ނުކޮށް ހުރި ނޫސް މަޖައްލާތައް އުވާލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރީ ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިނުވާ ނޫސްމަޖައްލާތައް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުވާލައިފައިވާ ކަމަށެވެ.

އަލުން ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމަށް ހޯމް މިނިސްޓްރީން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި ނެރެފައިވާ ނޫސްމަޖައްލާ ތަކުގެ ކޮޕީ މިދިޔަ ޖެނުއަރީ މަހުގެ 20 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ބުނީ ޑެއިލީ ނޫސްތަކާއި އޮންލައިން ނޫސްތައް އަދި މަޖައްލާތަކުން ވެބްސައިޓް އެޑްރެހާއި ނޫސްމަޖައްލާ ނެރެފައިވާކަމުގެ ހެކި ލިއެކިޔުމުން އެނގޭނެ ގޮތަށް ހުށަހަޅުއްވަން ވާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ރީ-ރެޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް އަލުން ރަޖިސްޓްރީ ކޮށްފައިވަނީ 74 ނޫސް މަޖައްލާ ކަމަށެވެ. އެހެންމުން އެނޫން ހުރިހާ ނޫސްމަޖައްލާތައް އުވާލާފައިވާ ކަމަށެވެ.

ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ މަސްއޫލުވެރިޔާ އާއި އެޑިޓަރުގެ މައުލޫމާތާއި މިދިޔަ ހަ މަސް ތެރޭގައި މަޖައްލާ ނުވަތަ ނޫސް ނެރެފައިވާ ކަމުގެ ހެކި ނުވަތަ އެކަން ތަފުސީލް ކޮށްދެވޭނެ ލިޔުމެއްގެ އިތުރުން ޓީވީ ރޭޑިއޯ ބްރޯޑްކާސްޓް ނުވަތަ ޓެލެކާސްޓް ކުރިކަން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.