އެޕަލް ކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯނު، ސެޕްޓެމްބަރު މަހުގެ 25 ގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވާ އިންޓާނަލް އީމެއިލްއެއް ލީކުވި ވެއްޖެ އެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ޓެލެގްރާފް" އިން ބުނާގޮތުގައި ވޮޑަފޯން އަށް ފޮނުވި އިންޓާނަލް މެއިލްއެއްގައި އެޕަލް ކުންފުނިން ބުނެފައިވާގޮތުން ސެޕްޓެމްބަރު މަހު 25 ގައި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އެ ފޯނަށް އެމަހުގެ 18 އިން ފެށިގެން ޕްރީއޯޑަރު ކުރަން ފެށޭނެ އެވެ.

ސެޕްޓެމްބަރުގައި ނެރުމަށް ހަމަޖެހިފައިވާ އައިފޯނުގެ މޮޑެލްއެއް އެ މެއިލްއަކުން ސާފުވެފައެއް ނެތެވެ. ގިނަ ބަޔަކު ހީކުރާ ގޮތް ކަމަށްވާ "އައިފޯން ސިކްސްއެސް" ނުވަތަ "އައިފޯން ސެވެން" އާ ހިލާފަށް މި ފޯނަށް ނަން ދެވިފައިވަނީ "ދަ ނިއު އައިފޯން"ގެ ނަމުގައެވެ.

މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯން އަކީ އެކުންފުނިން ނެރުނު އައިފޯނުތަކުގެ ތެރެއިން އެންމެ ވަރުގަދަ ކެމެރާއެއް ހިމެނޭނެ ފޯނަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް އެއްވެސް މައުލޫމާތަކީ އެޕަލް ކުންފުނިން ކަށަވަރު ކޮށްފައިވާ މައުލޫމާތެއް ނޫނެވެ.

އައިފޯނުގެ އެންމެ ފަހުގެ އިންސްޓޯލްމެންޓް އާ ބެހޭގޮތުން އެޕަލްއިން މައުލޫމާތު މިއަދު އާންމު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެ މައުލޫމާތު އާންމު ކުރާނެ ކަމަށް ބުނަނީ މިއަދު އެ ކުންފުނިން ބާއްވާ ވޯލްޑް ވައިޑް ޑިވެލޮޕާ ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ)ގެ ތެރެއިންނެވެ.