08 Jun 2015, 14:11
މާދަމާ ޤަތަރަށް ކުރައްވާ ދަތުރުފުޅުގައި ވިސާގެ ކަންތައްތައް ފަސޭހަ ކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރެއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވީ ވިސާ ވެއިވާއެއް (އޮން އެރައިވަލް ވިސާގައި ވަކި މުއްދަތަކަށް ގައުމެއްގައި ތިބެވޭ ފަދަ އެއްބަސްވުމެއް)ގެ މަސައްކަތް ޤަތަރާއި އެކު އެކުލަވައިލުމަށް މަސައްކަތް ކުރައްވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
"...ދެން މިހާރު އޮތީ ހަމަ ނިމޭ ހިސާބަށް ގޮސްފައި. ދެ ސަރުކާރު ދެމެދުގައި މުއާމަލާކޮށް. އަޅުގަނޑު އުއްމީދުކުރަނީ މިދަތުރުގައި އަޅުގަނޑަށް މި އެގްރިމެންޓްގައި ސޮއިކުރުމަށް. އަދި އަޅުގަނޑަށް އެކަން ސާފުވެގެންދާނީ މާދަން އެހެންނޫނީ، އެކަމަކު އަޅުގަނޑަށް ވަރަށް އުއްމީދު އެބައޮތް އެ އެގްރިމެންޓްގައި އަޅުގަނޑުމެންނަށް ސޮއިކުރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ޤަތަށް ދަތުރުފުޅެއް ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނުގެ ޚާރިޖީ ސިޔާސަތާ އެއްގޮތަށް އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ކަމަށެވެ. ދަތުރުފުޅުގައި ގަތަރު ސަރުކާރާ އެކު މަޝްވަރާ ކުރައްވާނީ ރާއްޖޭގެ ރައްޔިތުންނަށް ވީހާ ވެސް ލުއި ގޮތަކަށް ކަންތައް ހަމަޖެއްސުމާ މެދު ކަމަށް ވެސް ވިދާޅުވި އެވެ.
"...އަޅުގަނޑުގެ ދަތުރުގައި ވެސް އަޅުގަނޑު ބަލާނީ ހަމަ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް. މީގެ ތެރޭގައި ދަތުރުފަތުރު، އިތުރަށް މިދެގައުމު ދޭތެރޭގައި ފަސޭހަ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އަޅުގަނޑު މަޝްވަރާ ކުރާނަން. އަދި ހަމައެއާ އެއްކޮށް ރައީސް ޔާމީނުގެ މެނިފެސްޓޯގައި ހިމެނޭ ވަރަށް މުހިއްމު ބައެއް މީ ދިވެހި ޒުވާނުންނަށް މި ލިބިގެންދާ ފުރުސަތުތައް. އެގޮތުން ތައުލީމީ ފުރުސަތުތަކާ ބެހޭ ގޮތުން ވެސް އަޅުގަނޑު މަޝްވަރާ ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ތަސައްވުރުގައި ހިމެނޭ ބޮޑެތި މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ދަތުރުފުޅުގައި މަޝްވަރާ ކުރައްވައި އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ގަތަރަށް ދަތުރުފުޅެއް ކުރައްވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ޑރ. ޚާލިދު ބިން މުޙައްމަދު އަލް އަތިޔާގެ ދައުވަތަކަށެވެ.