08 Jun 2015, 13:42
ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން ރޯދަ އިނާޔަތް ދިނުމަށް ޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް، ވޯޓުގައި ބައިވެރިވެވަޑައިގެންވި މެމްބަރުންގެ އިއްތިފާގުން ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އިއްޔެ މަޖިލީހަށް ފޮނުވި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
ބިލް މަޖިލީހަށް ހުށަހަޅުއްވަމުން މުހައްމަދު އަލީ ވިދާޅުވީ، ރޯދަ ފަރުޟު ކޮށްފައި ވަނީ ފަގީރުންނާއި މުއްސަނދިން ވެސް ހަމަހަމަކޮށް ރޯދަ ހިފުމަށް ކަމަށް ވިޔަސް މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި އޮތީ ބޮޑު މުސާރަ ލިބޭ މީހާ އާއި ކުޑަ މުސާރަ ލިބޭ މީހާ ހިފާ ރޯދައިގެ ތަފާތު ކަމެއް ވާ ކަން ދައްކުވައިދޭ ސަގާފަތެއް ކަމަށެވެ.
ރޯދަ އިނާޔަތް ހަމަހަމަ ކަމާއި އެކީ ދިނުމަށް މަޖިލީހަށް އިސްލާހު ހުށަހެޅުއްވި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ: ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންނަށާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ދިނުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ރަމަޟާން މަހުގެ އިނާޔަތް އެންމެނަށް ހަމަހަމަކޮށް ލިބޭނެ ގޮތް ހެދުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.
ނިހާން ވިދާޅުވީ، އެންމެ ކުޑަވެގެން 3000 ރުފިޔާ ރޯދަ އިނާޔަތެއްގެ ގޮތުގައި މުވައްޒަފުންނަށް ދޭން ޖެހޭ ކަމަށެވެ. އަދި ރޯދަ އިނާޔަތް އެންމެނަށް ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެން ޖެހޭ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ރަމަޟާން މަހު ދެމުން އަންނަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާއެކު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ހަމަހަމަކަމާއެކު މިއަހަރު ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ވަނީ ވިދާޅުވެފަ އެވެ.
ޖިހާދު ވިދާޅުވީ، ހަމަހަމަ ކަމާއެކު ރޯދަ އިނާޔަތް ދިނުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި އެބަ ހުރި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން އެކަން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.