ކުރިއަށް އޮތް ޓްރާންސްފަރ މާކެޓްގައި ބާސެލޯނާއަށް އަލަށް ގެންނަ ކުޅުންތެރިންނަށް އޯގަސްޓްގައި ފަށާ އާސީޒަންގައި މިއަހަރު އެއްވެސް މެޗެއް ނުކުޅޭވޭނެ އެވެ.

މިއީ 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ޓީމަށް ގެނައުމުގައި ފީފާގެ ގަވައިދުތަކާ ހިލާފުވެފައިވާތީ އަޅާފާއިވާ ފިޔަވަޅެކެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު އަޅާފައިވާ މިފިޔަވަޅުގައި ބުނެފައިވަނީ 18 މަސް ދުވަސް ވަންދެން އާ ކުޅުންތެރިޔަކު ލައްވައި ޓީމަށް ސޮއި ނުކުރެވޭނެ ކަމަށެވެ.

އެޓީމުން އެންމެ ފަހުން ގެނެސްފައިވަނީ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އެވެ. އޭނާ އެޓީމަށް ގެނެސްފައިވަނީ މައްސލަ އެޕީލް ކުރުމުގެ މުއްދަތުގައެވެ. އޭނާ އެޓީމާ ގުޅިފައިވަނީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ފަހުގައެވެ.

ބާސާއިން ވަނީ މިދިޔަ އަހަރު އޯގަސްޓް މަހު އެމައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް ފީފާއިން ނިންމާފައި ވަނީ ބާސާއިން ހުށަހެޅި އިސްތިއުނާފު މައްސލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ބާސާއިން ވަނީ ރޭގައި ސެވިއްޔާގެ ސްޕެއިންގެ ޑިފެންޑަރު އެލެކްސް ވިޑާލް 16 މިލިއަން ޕައުންޑަށް އެޓީމަށް ގެނެސްފައެވެ.

އުމުރުން 25 އަހަރުގެ ޑިފެންޑަރު ވަނީ ބާސާއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ނަމަވެސް އޭނައަށް ބާސާގައި މެޗެއް ކުޅޭވޭނީ އަންނަ އަހަރުގެ ޖަނަވަރީ 1 ގެ ފަހުންނެވެ.

ބާސައިން ވިޑާލް އެޓީމަށް ގެނައީ ބްރަޒިލްގެ ޑިފެންޑަރު ޑޭނީ އަލްވޭސްގެ ބަދަލުގައެވެ. އަލްވޭސް ބުނެފައިވަނީ މިސީޒަނަށްފަހު އޭނާ ބާސާ ދޫކޮށްލާނެ ކަމަށެވެ. ބާސާއާއެކު އަލްވޭސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ.