01 Mar 2011, 20:07
މާލެ އަތޮޅު ކައުންސިލް ހިންގަންޖެހެނީ މާފުށީގައި ކަމަށް މާފުށީ ކޯޓުން އަމުރުކޮށްފި އެވެ.
މާފުށީ މެޖިސްޓްރޭޓް ކޯޓްގެ ގާޒީ އިބްރާހިމް ހުސައިން މިއަދު ނެރުއްވެވި އަމުރުގައި ބުނަނީ މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާއިން މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސައީދާއި ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް މާލެ އަތޮޅު ކައުންސިލްގެ އިދާރާ ބަދަލު ކުރުމަށް އެދި އަމުރެއް ނެރެ ދިނުމަށް އެދި ޝަރީއަތަށް ހުށަހެޅުމުން އެކަން ޝަރީއަތުން ބެލިއިރު ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ށ) ން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސް، މާލެ އަތޮޅު ކައުންސިލް ހިންގުމަށް ކަނޑައަޅުއްވާފައިވާ މާފުށީގައި ހުރި އަތޮޅު ކައުންސިލްގެ އިދާރާ ދޫކޮށް އަތޮޅު ކައުންސިލްގެ މެންބަރުންގެ ދެ ބޭފުޅަކު އެކަމަށް އިންކާރު ކުރައްވަނިކޮށް ރައީސް އަހުމަދު ސައީދު މާފުށީގައި އެ ދެ މެންބަރުން ބައިތިއްބާފައި ސިވިލްސާވިސް މުވައްޒަފުން ގޮވައިގެން ދިޔަކަން އަތޮޅު ކައުންސިލަރު އަލީ ޝާހީނާއި އާޒިމް އަބްދުއް ރަހީމާއި ދެމީހުންގެ ބަހުން ސާބިތުވާ ކަމަށެވެ.
މިއަމުރުގައި ބުނަނީ ކައުންސިލް ގާނޫނުގެ ފަސްވަނަ މާއްދާގެ (ށ) ނިންމާ ތަސްދީގު ކުރައްވާފައި ވަނީ ގާނޫނު އަސާސީގެ 230 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރު ކެނޑި އެ ދެމާދާ ތައާރުޒުވާ ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ.
"... އިސް،ލާމް ދީނާއި ގާނޫނަށް ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި މިކަންކަމުގެ މައްޗަށް ހުވާ ކޮށްގެން ތިބި ބަޔަކު އިސްލާމް ދީނުގައި މެދުމިނަށް ކަންތައް ކުރަން އަންގަވާފައިވާއިރު މާ އަވަސް ގޮތަކަށް މަރުކަޒުގެ ކަންތައްތައް ނިންމާ ތުލުސްދޫއަށް މިބޭފުޅުން ވަޑައިގަތުމުން ދީނާވެސް ހިލާފުވެއްޖެ ކަމަށް ފެންނާތީ މިކަމުގެ ސަބަބުން މަސްލަހަތު ގެއްލިފައިވާތީ އިސްލާމްދީނުގައި މަސްލަހަތަށް މަތީ ދަރަޖައެއް ދެވިފައިވާއިރު މިކަންކަމަށް ވެސް ބެލުމެެއް ނެތި މިއަތޮޅުގެ ނުވަ ރަށުގައި ދިރިއުޅޭ 11421 މީހުންގެ އަސާސީ އެތައް ހައްގުތަކެއް ހުއްޓިފައި އޮތުމާއެކު ގާނޫނު އަސާސީގެ 230 ވަނަ މާއްދާ އާއި ކައުންސިލް ގާނޫނުގެ ފަސްވަނަ މާއްދާގެ (ށ) ފުށު އަރާ އެރުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމައިފުމަށް ދާންދެން އަތޮޅު ކައުންސިލްގެ ހުވަޔާ އެއްގޮތްވާގޮތުގެ މަތީން މާލެ އަތޮޅުގެ ކުރީގެ އަތޮޅު އޮފީހުގައި އުޅުއްވި ސިވިލްސާވިސް މުވައްޒަފުންނާއި އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް މިހާރުން މިހާރަށް މިވަގުތު ރައީސުލް ޖުމްހޫރިއްޔާ މާލެ އަތޮޅު މާފުށީގައި އުފައްދަވާފައިޥާ މާލެ އަތޮޅުގެ ކައުންސިލް އިދާރާއަށް ހާޒިރުވެ ވަޑައިގަތުމަށާއި އެ އިދާރާއިން ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ހިދުމަތްތައް ދިނުމަށް މިއެންމެންގެ މައްޗަށް އަމުރު ކުރަމެވެ،" އަމުރުގައި ވެއެވެ.