10:00


ނައިބް ރައީސެއްގެ ރޯލަކީ ރައީސުލްޖުމްހޫރިއްޔާ އަށް އެހީތެރިވެވަޑައިގަތުމާއި ރައީސް އަންގަވާ ކަންތައްތައް ކުރެއްވުން ކަމަށް ބުނެ އެމްޑީޕީން ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ރައްދު ދީފި އެވެ.


ވީޓީވީގެ "ހޫނުގޮނޑި" މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރަށާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނައިބް ރައީސް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ރޭ ވިދާޅުވީ ނައިބް ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ރޯލް ވަރަށް ރަނގަޅަށް ޤާނޫނު އަސާސީގައި ބަޔާންވެފައިވާ ކަމަށާއި އަދި އެ ކަންތައްތައް ނައިބް ރައީސް ވަރަށް ރަނގަޅަށް އަދާކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ދިދަ ޖެހި ކާރުކޮޅުގައި އިންނަވާ ތަނާއި ބޭރު ޤައުމުތަކުގެ ސަފީރުންނާ ރައީސް ބައްދަލުކުރައްވާއިރު ރައީސް އަރިހުގައި ހުންނަވާ ތަނާއި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނަވާތަން ފެނިވަޑައިގެންނަވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


މޫސަ އަދި ވިދާޅުވީ ނައިބް ރައީސްގެ ވާހަކަފުޅުގައި ރައީސް ނަޝީދުގެ ސަރުކާރު ހިނގަމުންދަނީ ރައްޔިތުން އިންތިހާބްކުރި އިއްތިހާދުގެ ސަރުކާރުން ނޫން ކަމުގައި ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި އިއްތިހާދު ތަމްސީލްކުރާ ފަރާތްތަކުން ދެނީ ކޮން ތާއީދެއްތޯ މޫސަ ސުވާލުކުރެއްވި އެވެ. އަދި އިއްތިހާދު ވާނަމަ ހަމައެކަނި ވަނީ ސަރުކާރުގެ ކަންކަމުގައި މިނިސްޓްރީތަކާއި ކަންކަން ބައިކޮށްގެން އެ ތަންތަނުން ލިބޭ މަޤާމުތަކާއި ފައިސާ އާއި ތަނަވަސްކަން ހޯދުމަށްތޯ ސުވާލުކުރައްވައި އިއްތިހާދުވެފައިވާ ފަރާތްތަކަށް މޫސަ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. 


ޕާޓީތަކުން އެންމެ ފުރަތަމަ އެމްޑީޕީއާ އެކު އިއްތިހާދުވީ ހުދުމުހުތާރު ވެރިކަން ބަދަލުކުރުމަށް ކަމަށާއި ވެރިކަން ކުރިއަށް ގެންދިއުމަށް އެކުލަވާލި ސަރުކާރުގައި އަމިއްލަފުޅަށް ބައިވެރިެވަޑައިގެން، ބައެއް ބޭފުޅުން އަމިއްލަ މަސްލަހަތަށްޓަކައި ވަކިވެވަޑައިގެންނެވީ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ސަރުކާރާ މެދު ހިތްހަމަނުޖެހޭއިރަށް އެމްޑީޕީގެ ބޮލަށް ކަންކަން ކަނޑާލުމުގެ ކުރިން އިއްތިހާދުން އެމްޑީޕީގެ މެނިފެސްޓޯ ކުރިގެންދިއުމަށް އެއްބަސްވެފައިވާކަން ހަދާންނައްތާނުލުމަށް ވެސް ރީކޯ މޫސަ ވިދާޅުވި އެވެ.