08 Jun 2015, 13:16
އެއްވެސް ޝަރުތަކާ ނުލައި ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ތިބީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ކަމަށާއި އެހެންކަމުން އެ ޕާޓީއާ އެކު މަޝްވަރާ ކުރެއްވުމަށް މާދަމާ ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކައުންސިލަރުންތަކެއް ޕީޕީއެމަށް ސޮއިކުރުމަށް މިއަދު ހެނދުނު މުލިއާގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާ ކުރެއްވުމަށް ކުރިން ވެސް އޮތީ ނިމިފައި ކަމަށާއި އެހެންނަމަވެސް ލަސްވެގެން ދިޔައީ މަޝްވަރާގައި އެ ޕާޓީން އެންމެ އިސްކޮށް ހުންނަވާ އަމީން އިބްރާހިމް ރާއްޖޭގައި ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ އަމީނާ ނުލައި މިއަދު ނޫނީ މާދަމާ ޖޭޕީ އަށް ދައުވަތު އަރުވާނެ ކަމަށެވެ.
"ދެން އޮތީ އަނެއް ދެ ޕާޓީ [އެމްޑީޕީ އަދި އަދާލަތު] އެ ދެ ޕާޓީ އަކުންނެއް އަޅުގަނޑުމެންނަށް އެކަން ކުރާނެ [މަޝްވަރާ ކުރާނެ] ގޮތެއް ނުދައްކަވާ. ވަކި ބޭފުޅަކު ހިމަނައިގެން ނޫނިއްޔާ މަޝްވަރާ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް އަދި ހަބަރު ދެއްވާފައި މިއޮތީ. އަޅުގަނޑެއް ގަބޫލެއް ނުކުރަން މުޅި ޕާޓީން ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށް، ރައްޔިތުންގެ މަސްލަހަތަށް ރިޔާއަތްކޮށް ކަންތައްތައް ކުރަމުންދާ އިރު ވަކި ކަހަލަ ހުކުމެއްގައި ވަކި ކަހަލަ ބަންދެއްގައި ތިއްބަވާ ބޭފުޅުންނާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެބޭފުޅުންގެ ފަރާތްޕުޅުން ވަޑައިގަންނަވަން ޖެހޭ ބޭފުޅުން ވަޑައިގަންނަވަންވީ. އެކަން ފުރިހަމަ ކޮށްދެއްވިހާ އަވަހަކަށް އެ ދެ ޕާޓީއާ އެކު ވެސް މަޝްވަރާ ކުރާނަން،" ރައީސް ވިދާޅުވި އެވެ.
މުލިއާގޭގައި މިއަދު އޮތް ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ރައީސް ޔާމީން ވިދާޅުވީ އެހާ ފުޅާކޮށް ސިޔާސީ ހަރަކާތް ހިންގަން ލިބޭ ގައުމެއް ރާއްޖެ ނޫނިއްޔާ މުޅި ދުނިޔޭގައި ވެސް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސުލުހަވެރިކަމާ އެކީ މުޒާހަރާ ކުރުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ ކަމަށެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ކަންތައްތައް ގޯސް ވުމުން ފުލުހުން އެކަމަށް "އެޓެންޑު" ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސަރުކާރަކުން އަޅުގަނޑު ބޭނުމެއް ނުވޭ އެއްވެސް ފުލުހަކަށް އަދި އެއްވެސް ސިފައިންގެ މީހަކަށް ވެސް އަނިޔާ އެއް ލިބިގެންދާކަށް. ސުލުހަވެރިކަމާ ހަރަކާތް ހިންގައިގެން އާންމު ރައްޔިތުންގެ މުދަލަކަށް އަދި އާންމު ރައްޔިތަކަށް ގެއްލުމެއް ލިބޭކަށް އަޅުގަނޑު ބޭނުމެއް ނުވޭ. ގާނޫނާ އެއްގޮތަށް އެފަދަ ހަރަކާތް ހިންގާ ކަމަށް ވާނަމަ އެއީ މައްސަލައެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
މިއަދު ޕީޕީއެމްއާ އަލަށް ގުޅިވަޑައިގެން ކައުންސިލަރެއް ރައީސް ޔާމީންއާ ފޯމު ހަވާލު ކުރައްވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ރައީސް ވިދާޅުވީ އަދި ވެސް ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަން ބޭނުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ގާނޫނު "ކޮމްޕުރޮމައިޒު" ނުކޮށް ސަރުކާރަށް އުފުލޭ ވަރުގެ ތަކުލީފު ހުރި ކަންތައްތައް އިދިކޮޅު ފަރާތްތަކުން އުފުލާ ކަމަށްވާ ނަމަވީ ވަރަކުން އެކަންކަން ކޮށްދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ވަކި ބޭފުޅަކަށް އައިސްފައިވާ ހުކުމެއް އެހެން ހުކުމަކަށް ވަދަލު ކުރަން ނުވަތަ މައާފު ކުރަން ބުނުމުން އެއީ އެމަނިކުފާނަށް ގަބޫލުފުޅުކުރަން ދަތި ކަމެއް ކަމަށެވެ.
ޕީޕިއެމާއި މިއަދު ވަނީ އަލަށް ހަ ކައުންސިލަރަކު ގުޅި ވަޑައިގެންފައި އެވެ. އެގޮތުން ހދ. އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރާއި ބ. ހިތާދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އަބްދުލް ގަފޫރާއި ހއ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފާއި އަދި ހަމަ އެރަށު ކައުންސިލްގެ ނައިބު ރައީސް ތާހާ އަލީ ވެސް ވަނީ މިއަދު ޕީޕީއެމަށް ސޮއިކުރައްވާފައި އެވެ. ހަމައެއާއެކު ހއ. ހޯރަފުށީ ކައުންސިލް މެމްބަރު މުހައްމަދު ސަމީރުއާ ހަމަ އެރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ވަހީދު އުސްމާންވެސް ވަނީ ޕީޕީއެމަށް މިއަދު ސޮއިކުރައްވާފައި އެވެ.
މީގެއިތުރުުން ވެސް އިދިކޮޅު އެމްޑީޕީގައި ކުރިން ހުންނެވި ދެ މެމްބަރެއްގެ އިތުރުން ބައެއް ޒުވާނުން ވެސް ވަނީ މިއަދު އެޕާޓީއާ ގުޅިވަޑައިގެންފައި އެވެ.