08 Jun 2015, 12:51
ޗައިނާގެ ގުއާންގް ޑޯންގް އިންޖީނިއަރިން އާއި ރާއްޖޭގެ ބަޔަކު ގުޅިގެން ތަރައްގީ ކުރާ ފުރަތަމަ ރިސޯޓު، ވ. ކުނާވަށީގައި ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ރާއްޖޭގެ ބަޔަކާއި ޗައިނާގެ ކުންފުންޏެއް ގުޅިގެން ފަސްތަރީގެ ފެންވަރަށް ތަރައްގީކުރާ އެ ރިސޯޓަކީ ސީޖޭއެލް އިން ތަރައްގީ ކުރާ ރިސޯޓެކެވެ. އެ ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފަށަން ސީޖޭއެލް އިން ނިންމާފައިވާ އިރު، އެ ރިސޯޓު ތަރައްގީކުރަނީ ބުޓިކް ރިސޯޓެއްގެ ގޮތުގަ އެވެ.
އެގޮތުން އެ ރިސޯޓުގައި 45 އަކަމީޓަރުގެ 38 ވޯޓަ ވިލާ ތަރައްގީކުރާ އިރު، 45 އަކަމީޓަރުގެ 32 ބީޗްވިލާ ތަރައްގީކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ޖުމްލަ އެއް ޕްރެޒިޑެންޓަލް ވިލާ ތަރައްގީކުރުމުން އެ ރިސޯޓަށް އަންނަ މީހުންގެ އެކޮމޮޑޭޝަން އަށް 116 އަކަމީޓަރުގެ 71 ރޫމް ހުންނާނެ ކަމަށް ވެސް އެ ކުންފުނީން ބުންޏެވެ. އޭގެ އިތުރުން ޑައިވް ސެންޓަރަކާއި ވޯޓަ ސްޕޯޓް ސެންޓަރެއްގެ އިތުރުން ރެސްޓޯރެންޓް ފަދަ ތަންތަން އެ ރިސޯޓުގައި ތަރައްގީކުރާނެ ކަމަށް ސީޖޭއެލް ކުންފުނިން ބުންޏެވެ.
ރިސޯޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސީޖޭއައި އިންވެސްޓެމެންޓްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު ވިދާޅުވީ، އެ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށާއި އެ ޕްރޮޖެކްޓް 14 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------- ސަން ފޮޓޯ/ އަލީ ނަސީރު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ، ސަރުކާރުން ދަނީ ޗައިނާއާ ގުޅިގެން ރާއްޖެ އަށް އެ ގައުމުގެ ގިނަ އިންވެސްޓްމެންޓްތައް ގެނައުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ހަތަރު ވަރަކަށް އަހަރު ރާއްޖެ އަށް ފަތުރުވެރިން އައި އަދަދު ކުރިއަރާފައިވާ އިރު، މިދިޔަ އަހަރު 1.4 މިލިއަން ފަތުރުވެރިން ރާއްޖެ އަށް އައިސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------- ސަން ފޮޓޯ/ އަލީ ނަސީރު
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ފޫކާން ވިދާޅުވީ، މިއަދު ފެށުނު މަސައްކަތަކީ ރާއްޖެ އަށް ޗައިނާގެ ފަތުރުވެރިން އަންނަ އަދަދު އިތުރުކޮށް، ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެ އަށް ގެނައުމަށް ދެގައުމު ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------- ސަން ފޮޓޯ/ އަލީ ނަސީރު
ޗައިނާ އިން ކުނާވަށީގައި ރިސޯޓެއް ތަރައްގީކުރާ އިރު، އެރަށް މީގެ ކުރިން ބޭނުން ކުރަމުން އައީ ޕިކްނިކް އައިލެންޑެއްގެ ގޮތުގަ އެވެ.