08 Jun 2015, 10:55
ފަސްމީރުގެ އާ ތިން ޕްރޮޑަކްޓެއް ތައާރަފު ކޮށް މިފްކޯގެ އާ މަސްފިހާރަ ހުޅުވައިފި އެވެ.
ކުރީގެ ފަސްމީރު ފިހާރަ ބޮޑު ކުރުމަށްފަހު މިއަދު އެ ފިހާރަ ހުޅުވާފައިވަނީ "މިފްކޯ މަސްފިހާރަ" އަށް ރީބްރޭންޑް ކޮށްފައެވެ. އެތަން ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރެވެ.
މިއަދު މިފްކޯގެ އާ މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު
އެ ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ ފިހާރަ ރީބްރޭންޑްކޮށް މިއަދު ހުޅުވާފައިވާއިރު ކުރިން އެ ފިހާރަ ހުރިވަރަށްވުރެ މިހާރު އެ ފިހާރަ ތިން ގުނަ ބޮޑު ވާނެ ކަމަށެވެ.
އެގޮތުން އަލަށް ތައާރަފުު ކުރެވުނު ތަކެތި މިއަހަރު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާއިރު މިފްކޯގެ ފިހާރައިން ގިނަ ބާވަތްތަކުގެ ގަނޑު ކުރި މަހާއި ތާޒާ މަސް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު މިފްކޯގެ އާ މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަލީ ނަސީރު
ނޫސްވެރިންނަށް މައުލޫމާތު ދެމުން މިފްކޯގެ ޝެފް ބުނީ، މިއަދު ތައާރަފު ކުރި ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނޭ ދެ ޕްރޮޑަކްޓަކީ ތައްޔާރުކޮށް ދަޅުގައި ބަންދުކުރެވިފައިވާ ދެ ޕްރޮޑަކްޓެއް ކަމަށެވެ.
މިއަދު ތައާރަފު ކޮށްފައިވަނީ، މަސްބުރި ރިހަ އާއި ސޯސް ޕެކް އެވެ. މިފްކޯގެ މަސްފިހާރައިން އެ ޕްރޮޑަކްޓްތައް ލިބެން ހުންނާނެ ކަމަށާއި ބޮޑު ނޫން އަގެއްގައި އެތަކެތި ގަންނަން ލިބޭނެ ކަމަށް ޝެފް ބުންޏެވެ.
މިފްކޯއިން މިއަދު ތިންވަނަ އަށް ތައާރަފުކޮށްފައިވަނީ ވަޅޯމަހުގެ ހަތަރު ބާވަތެކެވެ.