ރަމަޟާން މަހުގެ އިނާޔަތް އެންމެނަށް ހަމަހަމަކަމާއެކު ދިނުމަށް އެއްބަސްކަމަށާއި އެހެންނަމަވެސް "ކުއްލިއަކަށް" އެ އިނާޔަތް ބޮޑު ކުރަން ދެކޮޅު ހަދާ ކަމަށް ސަރުކާރާ އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

ރަމަޟާން މަހުގެ އިނާޔަތް ބޮޑު ކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ، ރަމަޟާން މަހުގެ އިނާޔަތް އެންމެނަށް ހަމަހަމަކަމާ އެކު ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ.

ނާޝިދު ވިދާޅުވީ، ސަރުކާރުން ބޭނުންހާ ގޮތަކަށް ބަޖެޓު ހަމަޖެއްސުމަށްފަހު އެކަން އެގޮތަށް ކުރި ކަމުގައި ވިއަސް އަމިއްލަ ވިޔަފާރި ވެރިން އެކަން އެގޮތަށް ހަމަޖައްސާނެ ގޮތެއް ނެތް ކަމަށެވެ.

"އެކަމަކު އާންމު ފަރާތްތައް ރަމަޟާން މަހަށް ދޭންޖެހޭ އިނާޔަތްތައް އެބަހުރި ބަހައްޓާފައި. ހަމަކޮށްފައި. އެހެންވީމަ އެމީހުން ކިހިނެއްތޯ މިކަންކަން ކުރާނީ. އެމްއެމްއޭގެ ގަވަރުނަރު ވެސް ވިދާޅުވަނީ ގާނޫނަކަށް ކުއްލިއަކަށް ބަދަލެއް ގެންނަ ކަމަށްވާނަމަ އެކަމަށް ދުރާލައި ތަން ދީގެންނޭ އެކަން ކުރަންޖެހޭނީ،" ނާޝިދު ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވެސް ބަލަންޖެހޭ ކަމަށެވެ. ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކު ރޯދަ އިނާޔަތް ދޭން ސަރުކާރުން ވިސްނާއިރު ތަކެތީގެ އަގު އުފުލެމުންދާ ކަމަށްވެސް ނާޝިދު ވިދާޅުވި އެވެ. އަދި އިނާޔަތް ލިބޭ މީހުންނަށް ވުރެ އިނާޔަތް ނުލިބޭ މީހުން ގިނަ ކަމަށާއި އެކަމުގެ ސަބަބުން އެ ރައްޔިތުންނަށް އުނދަގޫވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ، ސާޅީސް ހާހުން ފަންސާސް ހާހުން މުސާރަ ލިބޭ މީހުންނަށް އެއްވެސް އިނާޔަތެއް ދޭން ނުޖެހޭނެ ކަމަށެވެ. "ކުއްލި ކުއްލިއަށް" އިސްލާހުތައް ގެނައުމުން ފަހުން ވާނެ ގެއްލުންތަކަށް ވިސްނާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ އިސްލާހާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ރަމަޟާން މަހުގެ އިނާޔަތް މިއަށް ވުރެއް ބޮޑު ކޮށްދެވެން އޮތް ނަމަ ބޮޑު ކުރަން ފެންނަ ކަމަށެވެ. ވަގުތީ މަންފާއެއް ހޯދުމަށް ސަރުކާރުން މިފަދަ މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފައިލް ފޮޓޯ

"މިއަދުތޯ އަޅުގަނޑުމެންނަށް އެނގުނީ މުސްލިމުން ތިބޭ ކަމެއް. މިއަދުތޯ އަޅުގަނޑުމެންނަށް އެނގުނީ މި މަސް ތެރޭގައި ރޯދަމަސް އަންނަކަން. އަޅުގަނޑުމެންނަށް އެބަ އިނގޭ މާ ދުރާލައި. އަޅުގަނޑުމެންނަށް ފެނިއްޖެ ތަޅާ މަރައިގެން 99 އަހަރަށް ރިސޯޓުތައް ކުއްޔަށް ދޭން އުޅުނު މަންޒަރު. މިފަދަ އިސްލާހެއް އަޅުގަނޑުމެން [އިދިކޮޅު މެމްބަރުން] ލައިފި ނަމަ އަވަހަށް ބޭރުކޮށްލާނެ،" އާޒިމް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ހުށަހަޅުއްވާފައިވާ މި ބިލްގައި ބުނެފައި ވަނީ "ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންނަށާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ދިނުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ރަމަޟާން މަހުގެ އިނާޔަތް އެންމެނަށް ހަމަހަމަކޮށް ލިބޭނެ ގޮތް ހެދުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.