ށ. އަތޮޅު ކައުންސިލާއި ކ. އަތޮޅު ކައުންސިލް ހިންގާނެ ރަށެއްގެ މައްސަލައާ ގުޅިގެން އެ ދެ ރަށުގައި މިހާރު އުފެދިގެން އުޅޭ ހަމަނުޖެހުންތައް ދާއިމީ ގޮތުން ހައްލުކުރެވޭނީ ޝަރުއީ ދާއިރާ އިން އިސް ދައުރެއް އަދާކޮށްގެން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް މަރިޔަމް އަޒްރާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ތުލުސްދު އާއި ފުނަދޫގެ މައްސަލައާ ގުޅޭ ގޮތުން މިއަދު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި އަޒްރާ ވިދާޅުވީ، އެ ދެރަށުގައި ޖެހިގެން އުޅޭ މައްސަލަ ހައްލުނުވެ، ދިގު ދެމިގެންދާތީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާތީ، މަޝްވަރާގެ އުސޫލުން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ނަމަވެސް، އެކަމަށް ދާއިމީ ހައްލެއް ގެނެވޭނީ ޝަރުއީ ދާއިރާއަށް ކަމަށް އަޒްރާ ވިދާޅުވި އެވެ.

"މިހާރު ދިމާވެފައިވާ މައްސަލަތަކަށް އަވަސް އަދި ދާއިމީ ހަލެއް ހޯދުމުގެ ގޮތުން ޝަރުއީ ދާއިރާއިން އިސް ރޯލެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް މި ކޮމިޝަނަށް މިހާތަނަށް ކުރެވުނު މަސައްކަތުން ގަބޫލުކުރެވޭ،" އަޒްރާ ވިދާޅުވި އެވެ. "އެގޮތުން ޤާނޫނީ ގޮތުން އަރައިފައިވާ އޮޅުންތަކާއި މާނަކުރުންތައް އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް އެނގޭނެ ގޮތަށް ސާފުކޮށްދެއްވައިގެން އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް މި ކޮމިޝަނުން މި ފުރުސަތުގައި އިލްތިމާސްކުރަން." އަޒްރާ ވިދާޅުވި އެވެ.

އަޒްރާ ވިދާޅުވި ގޮތުގައި، އެކޮމިޝަނުން މަސައްކަތްކުރަނީ އެފަދަ ދެބަސްވުންތައް ސުލްހަވެރިކަމާ އެކު، ޤާނޫނީ އިމުގެ ތެރެއިން ހައްލު ކުރުމަށެވެ. އެހެންކަމުން، އެ ކޮމިޝަނުގެ ވަފުދެއް ވަނީ އިއްޔެ ތުލުސްދޫއަށް ގޮސް، ފުލުހުންނާ އާއްމުންނާ ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ފުނަދޫގެ މައްސަލައާ ގުޅޭ މައުލޫމާތުވެސް ކޮމިޝަނުން ހޯދަމުންދާ ކަމުގައި އަޒްރާ ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވެސް ވަނީ އެ ދެރަށުގެ މައްސަލަ ބަލަން ފަށައިފަ އެވެ. އެގޮތުން އެ ދެރަށުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ސާފުކުރަމުންދާ ކަމަށް އެކޮމިޝަނުން ބުންޏެވެ.