08 Jun 2015, 10:10
ބަހްރައިންގައި 2012 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން ދިޔަ ޝިޔައީންގެ ޓެރަރިސްޓް ޖަމާއަތެއް ނައްތައިލެވިއްޖެ ކަމަށް އެގައުމުގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.
ބަހްރައިން ސަރުކާރުގެ ނިއުސް އެޖެންސީއާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނީ ޓެރަރިސްޓް ޖަމާއަތަށް ނިސްބަތްވާ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. "ސަރާޔާ އަލް އަޝްތާރު"ގެ ނަމުގައި ޓެރަރިސްޓް ޖަމާއަތެއް އުފައްދީ ދެމީހަކު ކަމަށާއި އެ ދެމީހުން މިހާރު ތިބީ އީރާނުގައި ކަމަށް ވެސް ބަހުރައިން ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރާޔާ އަލް އަޝްތާރާއި ސަރުކާރާ ދެކޮޅު އެހެން ދެ ޖަމާއަތެއް އެއީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބަހުރައިން ސަރުކާރުން ކަނޑައެޅީ މިދިޔަ އަހަރު އެވެ. އެއީ އެގައުމުގައި ބޮމެއް ގޮއްވާލައި ދެ ފުލުހުންނާއި ޔޫއޭއީ ސިފައިންގެ މީހަކު މަރައިލި ހާދިސާއާ ގުޅިގެންނެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވާ ޝިޔައީންގެ އެކި އެކި ޓެރަރިސްޓް ޖަމާއަތްތަކަށް އީރާނުން ދަނީ ވަރަށް ފާޅުގައި މަދަދުކުރަމުންނެވެ. ނަމަވެސް ބަހްރައިންގެ ސަރާޔާ އަލް އަޝްތާރަށް މަދަދު ކުރާ ކަމަށް އެގައުމުން ބުނާ ބުނުމަށް އީރާނުން ވަނީ ދެކޮޅު ހަދާފަ އެވެ.