( އަންކަރާ، ތުރުކީ، ރޮއިޓާސް) ތުރުކީގައި އިއްޔެ ބޭއްވި ޕާލަމެންޓްރީ އިންތިހާބުން އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އަރުދުޣާން ހާސިލު ކުރައްވަން އެދިވަޑައިގެންނެވި އެންމެ މުހިއްމު ކަމަކީ ގާނޫނު އަސާސީއަށް ބަދަލު ގެނެވޭ ވަރުގެ އަޣުލަބިއްޔަތެކެވެ. ނަމަވެސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެފަދަ އަޣުލަބިއްޔަތެއް އޭނާގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ( އޭކޭޕީ) އަށް ނުލިބޭކަން ވަނީ ކަށަވަރުވެފަ އެވެ.

ތުރުކީގެ 550 މެމްބަރުން ހިމެނޭ ޕާލަމެންޓްގެ ތިން ބައިކުޅަ ދެބައި ހޯއްދަވަން ނުކުންނެވި އަރުދުޣާނަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އަކީ ފުރަތަމަ ފަހަރަށް ކޯލިޝަން ސަރުކާރެއް އުފައްދަން ޖެހުމެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އޭކޭޕީއަށް ލިބުނީ 40.8 ޕަސެންޓެވެ. މީގެ 13 އަހަރު ކުރިން ތުރުކީގެ ވެރިކަމަށް އައި އޭކޭޕީއަށް އެޕާޓީ އެކަނި ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ގެއްލުނު މިއީ ފުރަތަމަ ފަހަރެވެ.

އަރުދުޣާންއަށް ކުރިމަތިވި ނާކާމިޔާބީއާ އެކު އޭނާގެ ވާދަވެރިން އަންނަނީ އުފާ ފާޅުކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް އުފާ ފާޅުކޮށްފައި ވަނީ ކުރުދީންނެވެ. އެއީ އެމީހުންނާ އެއްކޮޅު ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (އެޗްޑީޕީ) އަށް ފުރަތަމަ ފަހަރަށް ޕާލަމެންޓްގެ ގޮނޑިތަކެއް ކާމިޔާބު ވުމުންނެވެ. އެ ޕާޓީން ވަނީ ޕާލަމެންޓްރީ އިންތިހާބުގެ ޖުމްލަ ވޯޓުގެ 10 ޕަސެންޓް ހޯދާފަ އެވެ. އެޕާޓީން ބުނެފައި ވަނީ އޭކޭޕީއާ ކޯލިޝަން ނުހަދާނެ ކަމަށެވެ.

ތުރުކީ އިންތިހާބުގެ ނަތީޖާ މިގޮތަށް އައުމުން ކޯލިޝަން ސަރުކާރެއް އެކުލަވައިލަން ގިނަ މަޝްވަރާތަކެއް ކުރަން ޖެހޭނެ އެވެ. އަވަސް އިންތިހާބެއް އަލުން ބާއްވަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.