ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން ބޭއްވި އިންޑިޕެންޑެންސް ގޯލްޑަން ޖުބުލީ ގްލޯބަލް ވެޓެރަންސް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ވެޓަރަންސް މުބާރާތެވެ. މިމުބާރާތުން ކުރިމަގުގައި ރާއްޖޭގެ ވެޓަރަންސް ފުޓްބޯޅަ ހަރުދަނާ ކުރުމަށް މެސެޖުތަކެއް ލިބިއްޖެ އެވެ. މުޅި މުބާރަތަށް ބެލިއިރު ވެސް ތަފާތު ކުޅުމެއް ފެނިގެންދިޔައީ މުބާރާތް ކަމިޔާބު ކުރި ސިންގަޕޫރުގެ ކުޅުންތެރިންގެ ފަރާތުންނެވެ. އެއީ މުބާރާތަށް ސިންގަޕޫރު ދީފައިވާ އަހަމިއްޔަތުކަން ބޮޑުވުމެވެ.

ސިންގަޕޫރު ޓީމު ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ވެޓަރަންސް ޓީމް އަތުން ބަލިވި ނަމަވެސް ދެން ދިޔަ ކޮންމެ މެޗެއްގައި ވެސް އެޓީމުން ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިފައެވެ.

މިއަހަރަކީ ސިންގަޕޫރުގެ ވެޓަރަންސް ޓީމަށް 80 އަހަރު ފުރޭ އަހަރެވެ. އެހެންކަމުން ރާއްޖޭގެ މިނިވަން ކަމާ ގުޅިގެން ބޭއްވި ވެޓަރަންސް މުބާރާތް އެޓީމަށް ކާމިޔާބު ކުރެވުން އެޓީމުން ފާހަގަ ކުރަނީ ބޮޑު ކަމިޔާބެއްގެ ގޮތުގައެވެ.

މުބާރާތް ކާމިޔަބު ކުރި ސިންގަޕޫރުގެ ވެޓަރަންސް ޓީމުން ތަށި އުފުލާލަނީ --- ސަން ފޮޓޯ: އޯޒޯން

ސިންގަޕޫރުގެ ކެޕްޓަން މުޙައްމަދު ޝައިހާން ބިން ސައްމަތު 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ބުނީ މުބާރާތަށް ސިންގަޕޫރުގެ ވެޓަރަންސް ވަރަށް ރަނގަޅަށް ތައްޔާރު ވެގެންކަމަށެވެ.

ޝައިހާން ބުނީ މިމުބާރަތަކީ އެޓީމް ކާމިޔާބު ކުރި ތިން ވަނަ މުބާރާތްކަމަށެވެ. އޭނާ ބުނީ ރާއްޖޭގެ ވެޓަރަންސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެޓީމުން ތިން މަސް ދުވަހު ޕްރެކްޓިސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޓީމްގެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކުރުމުގެ ގޮތުން ސިންގަޕޫރުގެ އެންމެ މަތީ ފަންތީގެ ކުލަބްތަކާ ދެކޮޅަށް މެޗްތައް ކުޅެފައިވާ ކަމަށެވެ.

ސިންގަޕޫރުގެ ޓީމް ކެޕްޓަން ޝައިހާން (ކ) ޓީމްގެ ކުޅުންތެރިޔަކާއެކު --- ސަން ފޮޓޯ: އޯޒޯން

ޝައިހާން ބުނީ ރާއްޖޭގެ ޓީމް އަތުން ބަލިވީ އެޓީމްގައި ލިސްޓްކޮށްފައިވާ ބައެއް ކުޅުންތެރިންނަށް ނާދެވުމުން ކަމަށެވެ.

"މިޓީމްގައި އެބަތިބި ގައުމުން ބޭރުގެ ލީގްތަކުގައި ކުޅެފައި ތިބި ކުޅުންތެރިން. ފުރަތަމަ މެޗްގައި ބަލިވީ އެކުޅުންތެރިންނަށް ނާދެވުމުން ޓީމްގެ އަސްލު ކުޅުން ނުދެއްކުނު. އެއީ ފުރަތަމަ މެޗް ރާއްޖެ އަތުން ބަލިވި ސަބަބަކީ،" ޝައިހާން ބުންޏެވެ.

ޝައިހާން ބުނީ ސިންގަޕޫރުގެ ވެޓަރަންސް ޓީމުން އަބަދުވެސް އެކިއެކި މުބާރާތްތައް އިންތިޒާމްކޮށް ކުރިއަށް ގެންދާކަމަށާއި އަދި އަހަރުތެރޭގައި އެކި ގައުމުތަކުގައި ބާއްވާ ވެޓަރަންސް މުބާރާތްތަކުގައި ބައިވެރިވަމުންދާ ކަމަށެވެ. އެގޮތުން މިއީ މި އަހަރުގައި އެޓީމުން ކަމިޔާބު ކުރި ތިން ވަނަ މުބާރާތެވެ. މީގެ އިތުރުން ނޮވެމްބަރު މަހު ދެ ކުނު އެފްރިކާގައި އޮންނަ މުބާރާތަކަށް ތައްޔާރުވާކަމަށް ޝައިހާން ބުންޏެވެ.

ޝައިހާން ބުނީ ރާއްޖޭގައި ވެސް ކާމިޔާބު ކަމާއެކު ވެޓަރަންސް ހިންގިދާނެ ކަމަށާއި އެވްރެޖް ގޮތެއްގައި ސިންގަޕޫރުގައި ތިބި ކުޅުންތެރިންނަށް ވުރެ ދިވެހި ވެޓަރަންސް ޓީމް ޒުވާން ކަމަށެވެ.

ރާއްޖޭގެ ވެޓަރަންސް އެސޯސިއޭޝަނުންވެސް ވަނީ ކުރިއަށް އޮތްތަނުގައި ކުޅުން ހުއްޓާލާފައިވާ ކުޅުންތެރިންނަށް ވެޓަރަންސްގެ ގިނަ ޙަރަކާތްތައް ހިންގުމަށް ރާވައިފައެވެ.