08 Jun 2015, 00:27
ސަރުކާރުގެ ހަރަދުގައި މިއަހަރު 142 މީހަކު ހައްޖަށް ފޮނުއްވަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ކާނިވަލުގައި ދޮށީ އުމުރުގެ މީހުންނަށް ރައީސްގެ ދެކަނބަލުން ދެއްވި ހާއްސަ މާހެފުމުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރުން ފެށިގެން ރާއްޖެއަށް 2000 ހައްޖު ކޯޓާ ދިނުމަށް ސައުދީ ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި އެ އަދަދު އިތުރުވެގެން ދާނީ ގަސުލްހަވެރިކަމާ އެކީ އިގްތިސާދީ މަސައްކަތް އިތުރުވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އުސޫލުތަކަކަށް ގަބޫލްކުރާނަމަ އެންމެންނާ އެކީގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

ދޮށީ އުމުރުގެ މީހުންނާ ރައީސް ބައްދަލު ކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ސަރުކާރުގެ މިސްރާބު ހުރިނަމަ އެ މިސްރާބު ރަނގަޅު ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ނުވުމުން، ނިޒާމުތައް ހުއްޓުވުމަށް މަސައްކަތްކޮށްގެން ނުވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.
"އެކަންކަން ރަނގަޅުކުރާނީ ވާހަކަދައްކައިގެން މަޝްވަރާކޮށްގެން ބަހުސްކޮށްގެން އަދި މަޖިލީހުގައި ވޯޓު ނަގައިގެން، ކަމެއް ބަޔަކު ބޭނުންވާ ގޮތަކަށް ނުވެއްޖެއްޔާ މަޖިލިސް ހުއްޓުވާލުމަކީ ޑިމޮކްރަސީއެއް ނޫން،" ރަޢީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުރިހާ ގާނޫނަކީ ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ބަލައިގަނެވޭނެ އެއްޗެހި ކަމުގައި ނުވެދޭނެ ކަމަށާއި ނަމަވެސް ޑިމޮކޮރަސީއެއްގައި އެންމެންގެ ނަސީބަކީ އެންމެންގެ ފަރާތުން ބަސްކިޔާ ބަޔަކު ތިބިގެން އަހުލުވެރިކުރުމަށް ގާނޫނުތަކެއް ހެދުން ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން ވެސް އަދި އެހެން ފިކުރުގެ ގޮތުން ވެސް ހިޔާލުތަފާތުވާ އެންމެންނާ އެކީގައި މަސްލަހަތަށް ލޯބިކޮށް ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ކަމުގައިވާނަމަ އަދި އުސޫލުތަކެއް ގަބޫލްކުރާ ކަމުގައިވާ ނަމަ އެ އެންމެންނާ އެކު އެކީގައި އުޅެވޭތޯ އަޅުގަނޑު މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.

ދޮށީ އުމުރުގެ މީހުންނާ ބައްދަލު ކުރުމަށް ރައީސްގެ ދެކަނބަލުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ އެއްބަޔަކު އަނެއް ބައެއްގެ ހައްގުތަކަށް އަރައިގަތުން ނޫން ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއިން އެހެން މީހުންގެ ބޮޑެތި ހައްގުތަކަށް އަރައިގަނެ އެއަށް އަދަބު ނުދެވިދިއުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ސިިޔާސީ ގޮތުން ވާހަކަދައްކާއިރު މީހުންގެ ކަރާމާތް ނަގާލުމަށްޓަކައި ވާހަކަދައްކާއިރު ވެސް މީހުންގެ ކަރާމާތް އަބުރާ ބެހި އެގެންދާ މިންވަރުން އޭނާގެ ހިތަކުން އެ ތަދެއް ނުފިލާ، ސިޔާސީ ގޮތުން މިނިވަން ކަން އޮތުމަކީ އަނެއް ބައެއްގެ ހައްގުތަކަށް އަރައިގަންނަން ހިލޭ ދެވޭ ޓިކެޓެއް ނޫން،" ރައީސް ވިދާޅުވި އެވެ.