މާލޭގެ ގެއެއްގައި ހަށިވިއްކަން ތިބި ކަމުގެ ތުހުމަތުގައި އަށް މީހަކު ދާދިދެންމެ ހައްޔަރުކޮށްފި އެވެ.

މ. ވުޑްޕެކަރ ގައި ހަށިވިއްކަމުން ދިޔަކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އޭގެތެރެއިން ދިވެހި އެއް ފިރިހެނަކު ފިޔަވައި ދެންތިބީ ހުސް ބިދޭސީންނެވެ.

ފުލުހުން ބުނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ 9:00 އެހާކަންހާއިރު މ. ވުޑް ޕެކަރއަށް ފުލުހުން ވަތްއިރު އެގޭގައި ހަށިވިއްކުމުގެ އަމަލު ހިންގައި ވިޔަފާރިކުރިޔަށް ދިޔައެވެ.

މ. ވުޑްޕެކަރގައި ހަށި ވިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު އަތުލައިގަތުމަށްފަހު އެގޭގެ ހަތަރު ކޮޓަރިއެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބަލައި ފާސްކުރި ކޮޓަރިތަކުން ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި ބޭރު ފައިސާގެ އިތުރުން ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ ތަފާތު އެކި ވައްތަރުގެ ބޭހާއި އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.