ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބާއްވާ 30 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބުރާހީމް ބައްދަލުކުރައްވައިފި އެވެ.

ޤުރުއާން މުބާރާތުގެ ބައިވެރިންނާއި ބެލެނިވެރިންނާއި ރައީސް އަނބިކަނބަލުން ބައްދަލުކުރެއްވީ ދަރުމަވަންތަ ސްކޫލްގައި އެކަމަށް ޓަކައި މިއަދު ހަވީރު ބޭއްވި ހަފުލާއެއްގަ އެވެ. މުބާރާތުގައި ބައިވެރިވާ 790 އަށް ވުރެ ގިނަ ދަރިވަރުންނާއި އެ ދަރިވަރުންނާއެކު ގާތްގަނޑަކަށް 1200 މީހުން އެ ހަފުލާގައި ބައިވެރިވި ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

ހަފުލާގައި ރައީސްގެ ދެކަނބަލުން ބައިވެރިވަޑައިގަންނަވާ ގޮތަށް ކުރިން އޮތް ނަމަވެސް މެދުވެރިވި ސަބަބަކާ ހެދި ރައީސް އެ ހަފުލާގައި ބައިވެރިވަޑައެއް ނުގަންނަވައެވެ. ރައީސްގެ އަނބިކަނބަލުންނާއެކު ހަފުލާގައި ބައިވެރިވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިންނެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ޤުރުއާން މުބާރާތުގެ ބައިވެރިންނާއި ބެލެނިވެރިންނާއެކު ބައްދަލުވުމެއް އިންތިޒާމްކޮށް ދެއްވީތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ވެރިއަކަށް މުހިއްމު ކަމެއް ކުރިމަތިވެވަޑައިގެންނެވުމަކީ ގަބޫލުކުރަން ޖެހޭ ކަމެއް ކަމަށެވެ.

"...ޝައްކެއްނެތް ގޮތުގައި ގައުމެއްގެ އިސްވެރިއަކަށް ދިމާވާނެ ބައެއް ކަހަލަ މުހިއްމު ކަންތައްތަކެއް ހުރުމަކީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ ކަމެއް. ތިޔަ އެންމެ ބޭފުޅުންނަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސަލާމާއި ތަހުނިޔާ ރައްދުކުރުމަށް ފަހު އަޅުގަނޑު ދަންނަވައިލަން އޮތީ މި ބައްދަލުވުމުގައި ހާމަކޮށް މިދެނީ، ޤުރުއާން މުބާރާތްތަކުގައި ކުރިއަށް އޮތް ތަނުގައި މިއަށް ވުރެން ވާދަވެރިކޮށް މިއަށްވުރެން މުހިއްމު ކަމެއް، އަހައްމިއްޔަތުކަމެއް ލިބޭނެކަން ފާހަގަ ވެގެން މިދަނީ،" ޑރ. ޒިޔާދު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ދައުލަތުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން އިނާމުތައް ހުށަހަޅާ މުބާރާތުގައި މިއަހަރު 798 ދަރިވަރުން ބައިވެރިވި އެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތުގައި ބައިވެރިވަމުން އަންނަ ކުދިންނާއި މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.