ރައްޔިތުންގެ މަޖިލީހުގައި އިހުލާސްތެރިކަމާއެކީ މަސައްކަތްކޮށް ދާއިރާއަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އިއްޔެ ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރާނީ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. އަދި އެގޮތުގެ މަތީން މަސައްކަތްކޮށް ގައުމަށާއި ދާއިރާއަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ވަފާތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާފައި ވާނީ ސަރުކާރުގެ ވިސްނުންފުޅުގައި ހުރި ކަންތައްތަކުގެ ވާހަކަ. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާ ފުރިހަމައަށް އަޅުގަނޑު ތާއީދުކޮށްގެން މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދެންނެވީ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ދިއްގަރު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެވިގެން ދިއުމުން ދޭހަވަނީ ރައީސް މައުމޫނާއި ރައީސް ޔާމީނަށް އެ ދާއިރާގެ ރައްޔިތުން ދެއްވަމުން ގެންދަވާ ތައީދު ކަމަށެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ޓިކެޓުގައި ނުކުންނެވި ފާރިސް ވަނީ ހަތަރު ކެންޑިޑޭޓުންނާ ވާދަ ކުރައްވައި ދިއްގަރު ދާއިރާގެ ހުރިހާ ވޯޓު ފޮށިތަކުން ކުރި ހޯއްދަވާފަ އެވެ. އޭނާ ވަނީ އިންތިހާބުގައި ވޯޓުލީ މީހުންގެ 59.4 ޕަސެންޓް ވޯޓު ހޯއްދަވާފަ އެވެ. އެއީ 1238 ވޯޓެވެ.

ފާރިސްއާ އެންމެ ކައިރިން ވާދަ ކުރެއްވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރާޒީ އެވެ. އޭނާއަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 36.6 ޕަސެންޓް ވޯޓެވެ. އެއީ 763 މީހުންގެ ވޯޓެވެ.