07 Jun 2015, 16:28
މާދަމާ ރޭ ނިންމާގޮތަށް ކުރިން އޮތް ނައިޓް މާކެޓަށް ފަސް ދުވަސް އިތުރުކުރުމަށްފަހު މޭޒްތަކުގެ އަގު ބޮޑުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދިން ބައެއް ވިޔަފާރިވެރިން ބުނީ މީގެ ކުރިން މޭޒަކަށް ނަގަމުންދިޔައީ ދުވާލަކަށް 260 ރުފިޔާ ކަމަށާއި ނަމަވެސް ފަހުން އިތުރުކުރި ފަސް ދުވަހަށް ދުވާލަކަށް 400 ދައްކަންޖެހިފައިވާ ކަމަށެވެ. އެހެންކަމުން އިތުރުކުރި ފަސް ރެއަށް 2000 ރުފިޔާ ކޮންމެ މޭޒަކުން ދައްކަންޖެހެއެވެ.
ބައެއް ވިޔަފާރިވެރިން ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާ އޮފީސް ދޮށަށް މިއަދު މެންދުރު ފަހު އެއްވެފައެވެ.
އެކަމާއި ގުޅޭގޮތުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް މިއަދު ސަން އަށް ވިދާޅުވީ، މޭޒުތައް އަގު ބޮޑުވެފައިވަނީ އިތުރު ކުރި ފަސް ދުވަހަށް އެޖަމިއްޔާއަށް އެތަނާއި ކަރަންޓް ފަދަ ވަސީލަތްތައް ލިބިފައިވާ އަގުތަށް ބޮޑުވެފައިވާތީ ކަމަށެވެ.
"މިހާރު އަހަރެމެން ޖައްސާފަ އެހެރަ އަގު ތަކަކީ ކަރަންޓާއި އެއްޗެހި އަގު ބޮޑުވީމަ ހުރި އަގުތަކެއް. ކުރިން އަހަރެމެން ބިޑްކޮށްފައި އިންނާނީ 15 ދުވަހަށް. އެ ހުރިހާ އެއްޗެއް އެކްސްޓެންޑް ކުރާއިރު އަގު ބޮޑުވާނު. ކުރިން ލިބުނު އަގަކަށް އަޅުގަނޑުމެންނަކަށް ނުލިބޭނެ. އެހެންވީމަ އަގު ބޮޑުވީ،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މޭޒުތައް ނަގާފައިވާ މީހުންގެ 50 ޕަސެންޓް މީހުން މިހާރު ފައިސާ ދައްކާފައިވާއިރު އެއަގު ބޮޑުކަމަށް ބުނާ ފަރާތްތަކަށް ފަހުން އޮންނަ ފަސް ދުވަހުގައި ބައިވެރި ނުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މިއަހަރުގެ މާކެޓްގައި ވެސް ބަދިގެއާއި ކުޑަކުދިންނަށް ބޭނުންވާ އެކި ކުޅޭ ސާމާނުގެ އިތުރުން އަންނައުނު ލިބޭ 500 މޭޒު އެބަހުއްޓެވެ.