07 Jun 2015, 15:17
(ޑާކާ، ބަންގްލަދޭޝް، އޭޕީ) ބިންތަކެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާ އާއި ބަންގްލަދޭޝުން ސޮއިކޮށްފި އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ޙަސީނާއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އިއްޔެ ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ބަންގްލަދޭޝްއާ 111 ސަރަހައްދެއް ހަވާލުކުރާއިރު ބަންގްލަދޭޝް އިން 51 ސަރަހައްދެއް އިންޑިއާއާއި ހަވާލުކުރާނެ އެވެ. އަދި އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން 5500 އަށް ވުރެ ގިނަ މީހުންނަށް އެ ދެގައުމުގެ ތެރެއިން ކޮންމެވެސް އެއް ގައުމެއްގެ ރަށްވެހިކަން ލިބިގެންދާނެ އެވެ.
ބަންގްލަދޭޝާއި އިންޑިއާގެ ގުޅުން ރަނގަޅުވާން ފެށީ ދެގައުމު ގުޅޭ ސަރަހައްދީ ރޮނގު ބޭނުންކޮށްގެން އިންޑިއާ އަށް ހަމަލާ ދިނުމަށް ހަނގުރާމަވެރި ޖަމާއަތްތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ޙަސީނާ ވިދާޅުވުމުންނެވެ. ބަންގްލަދޭޝާއި އިންޑިއާ އިން 2500 މޭލުގެ ސަރަހައްދީ ރޮނގެއް ހިއްސާކުރެ އެވެ.
ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާ އެއްބަސްވުމުގައި ސޮއިކުރައްވައި، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ލިއުން ދެއްވީ ރަސްމީ ވާހަކަފުޅުތައް ފެށްޓެވުމުގެ ކުރިން އިއްޔެ އެވެ.
ބަންލަދޭޝްގެ ފޮރިން މިނިސްޓަރު އޭ އެޗް މަޙްމޫދު ޢަލީ އިއްޔެ ވިދާޅުވީ މޯދީގެ ދަތުރުފުޅުގައި ވިޔަފާރިއާއި ސަލާމަތީ ކަންކަމާއި ދަތުރުފަތުރު ހިމެނޭ ގޮތުން ގިނަ އެއްބަސްވުންތަކެއްގައި ދެގައުމުން ސޮއިކުރާނެ ކަމަށެވެ.
މޯދީގެ ދަތުރުފުޅުގައި ބަންގްލަދޭޝްއަށް އިންޑިއާއިން ދެ ބިލިޔަން ޑޮލަރުގެ ދަރަނި ދިނުމަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.