07 Jun 2015, 14:13
ކައުންސިލްތަކަށް އަމާޒުކޮށްގެން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެެލްޖީއޭ) އިން ހިންގާ ލޯކަލް ކައުންސިލް ފަންޑް މެނޭޖްމަންޓް ޓްރޭނިން ޕްރޮގްރާމް ށ. ފުނަދޫގައި މިއަދު ފަށައިފި އެވެ.
އެލްޖީއޭ އިން ބުނީ ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބް ރައީސުން ފުނަދު އަށް ވަޑައިގެން އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ދެ ދުވަހުގެ މުއްދަތަށް ކަމަށެވެ.
އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފު އަހުމަދު މިއަދު ސަން އަށް ވިދާޅުވި އެ ޕްރޮގްރާމުގެ ބޭނުމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ފަންޑުތައް މެނޭޖްކުރުން ކަމަށެވެ. އަދި ވިދާޅުވީ ފަންޑު ދިރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުމާއި ކައުންސިލްތަކުން މިހާރު ފަންޑް މެނޭޖްކުރަމުންދާ ގޮތުގެ މައުލޫމާތު އެއްބަޔަކު އަނެއްބަޔަކަށް ހިއްސާކުރުން ކަމަށެވެ.
އެލްޖީއޭ އިން ބުނީ ބިޒްނަސް ސެންޓަރެއްގެ މައުލޫމާތާއި ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ރާއްޖޭގައި ކޯޕަރޭޓިވް ސޮސައިޓީ އޮޕްރޭޓްކޮށް ހިންގާނެ ގޮތުގެ މައުލޫމާތާއި ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ދިނުން މި ޕްރޮގުރާމުގައި އޮންނާނެ ކަމަށެވެ.
މި ޕްރޮގްރާމުގައި ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވެ ކައުންސިލްތަކަށް މައުލޫމާތު ދޭނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
މި ޕްރޮގްރާމް ށ. އަތޮޅުގައި ބާއްވަން ނިންމީ އެ އަތޮޅު ކައުންސިލަކީ ފަންޑު މެނޭޖްކުރުމުގައި ރާއްޖޭގައި އެންމެ ފާހަގަ ކުރެވޭ ކުރިއެރުންތައް ހޯދާފައިވާ އަތޮޅަށްވުމުން ކަމަށް އެލްޖީއޭ އިން ބުންޏެވެ.