މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތަކާއި ވެރިފަރާތް ނޭނގޭ ގޮތަށް ބަހައްޓާފައި ހުރި ވެހިކަލްތަކުގެ ތެރެއިން 30 ވެހިކަލެއް ނަގައި ތިލަފުއްޓަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަަށް ވިދާޅުވީ ފުލުހުން އިއްޔެ ފެށި އެ އޮޕަރޭޝަންގެ ތެރެއިން ހަތަރު ފުރޮޅުލީ 30 އުޅަނދެއް ޓޯކޮށް ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ވެހިކަލްތަކުގެ އިތުރުން މީގެ ކުރިން އެކި ފަހަރުމަތިން ޓޯކޮށް ގާކޮށީގައި ބަހައްޓާފައި ހުރި 21 ވެހިކަލެއް ވެސް އިއްޔެ ވަނީ ތިލަފުއްޓަށް ގެންގޮސްފަ އެވެ.

ފުލުހުން އިއްޔެ ވެހިކަލް ޓޯ ކުރުމުގެ މަސައްކަތުގެ ތެރެއިން-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ހަނީފް އިއްޔެ ވިދާޅުވީ މާލޭގެ މަގުތަކާއި ގޯޅިތަކުގައި ޕާކްކޮށްފައި ހުރި ގިނަދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތަކާއި ސުންބޯޑު ޖަހައި ވެރިފަރާތް ނޭގޭ ގޮތަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމަށް ފަށާފައިވާ އޮޕަރޭޝަން ހުއްޓާލާނީ މާލޭގެ މަގުތަކުގައި އެގޮތަށް ބަހައްޓާފައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނަގައި މަގުމަތި ސާފުކުރެވުމުން ކަމަށެވެ.

"މާލެއިން ނެގޭ ހުރިހާ ވެހިކަލެއް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިލަފުއްޓަށް. ވެހިކަލްތައް ގެންދިއުމުގައި ލިބޭ ގެއްލުމަށް ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކުން ޒިންމާ ނުވާނެ. ތިލަފުއްޓަށް ގެންދެވޭ ވެހިކަލް މާލެގެނެވޭނީ ހަމަޖެހިފައިވާ އުސޫލުގެ މަތިން ގާނޫނީ ގޮތުން އެވެހިކަލެއްގެ ވެރިފަރާތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުން،" ހަނީފް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކާއި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަ ވެހިކަލްތައް ނަގައިފަ އެވެ.