މިމަހުގެ 21 ވަނަ ދުވަހު މާލޭގައި ފަށާ އޭ އެފް ސީ ޗެލެންޖްކަޕް ކޮލިފައިންގެ ޓިކެޓްގެ އަގުތައް އެފް އޭ އެމުން މިއަދު ހާމަކޮށްފިއެވެ.
އެފް އޭ އެމް ހައުސްގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ހާމަކުރި ޓިކެޓްގެ އަގުތައް 3 ބަޔަކަށް ވަނީ ބަހާލާފައެވެ.
4 ގައުމުގެ މެދުގައި ކުޅެވޭ މުބާރާތުގެ ގޮނޑިބަރީގެ ޓިކެޓް ވިއްކަން ހަމަޖަައްސާފައިވަނީ 70 ރުފިޔާ އަދި 50 ރުފިޔާ އަށެވެ. ސިޑިބަރީގެ ޓިކެޓްގެ އަގަކީ 30 ރުފިޔާ އެވެ. މިއީ ޑޭ ޓިކެޓް ވިއްކާ އަގެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ކުޅޭ ދެމެޗުގެ ޓިކެޓް އެއްކޮށް ގަންނަ ފަރާތްތަކަށް ސިޑިބަރިން 15 ރުފިޔާއަށް އަދި ގޮނޑިބަރިން 25 އަދި 35 ރުފިޔާއަށް ޓިކެޓެއް ވިއްކައެވެ.
މީގެ ދެ އަހަރު ކުރިން 2009 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޗެލެންޖްކަޕްގެ ކޮލިފައިންގެ ޓިކެޓް ވިއްކާފައިވަނީ 35 ރުފިޔާ 25 ރުފިޔާ އަދި 15 ރުފިޔާ އަށެވެ. އެހެންކަމުން މިއީ މިހާތަނަށް ރާއްޖޭގައި އެންމެ އަގުބޮޑުކޮށް ޓިކެޓް ވިއްކައިގެން ކުޅެވޭ މުބާރާތެވެ. މި މުބާރާތުގެ އިތުރުން ރާއްޖޭގައި ދެން ބާއްވާފައިވާ ބޮޑު މުބާރާތަކީ 2008ގެ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގެ ޓިކެޓް ވިއްކާފައިވަނީވެސް 3 އަގެއްގައެވެ. އެއީ 15،30 އަދި 35 އަށެވެ. ނަމަވެސް މިދެމުބާރާތުގައިވެސް ގަނޑުކޮށް ޓިކެޓް ގަތުމަށްފަހު ބްލެކް މާކެޓްގައި ބޮޑުއަގުގައި ވަނީ ވިއްކާފައެވެ.
ދެމެޗުގެ ޓިކެޓް އެއްކޮށް ވިއްކަން އެފް އޭ އެމުން ނިންމި އެންމެ ބޮޑު ސަބަބެއްކަމުގައި ބެލެވެނީ ރާއްޖެ ކުޅޭ މެޗުތައް ފިޔަވާ އެހެން މެޗުތައް ބަލަން ސަޕޯޓަރުން ނުވަންނާތީ އެވެ.
އެފް އޭ އެމްގެ ޓެކްނިކަލް ޑިރެކްޓަރ އަދި މުބާރާތަށް އެކުލަވާލާފައިވާ ކޮމެޓީގެ މެމްބަރ މައުރެޫފް އަޙްމަދު(މާއްޓޭ) ވިދާޅުވީ މި މުބާރާތަށްޓަކާ ޤައުމީ ޓީމުގެ ޕްރެކްޓިސް އޭއެފްސީކަޕްގައި ރާއްޖޭގެ ދެ ޓީމު ކުޅޭ ދެމެޗަށްފަހު ފަށާނެ ކަމަށެވެ. އަދި ސްކޮޑްގައި 50 ކުޅުންތެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް މާއްޓޭ ބުންޏެވެ. 50 ކުޅުންތެރިންގެ ސްކޮޑްގައި އެންމެ ފަހުގެ ސާފްޗެމްޕިއަންޝިޕްގައި ކުޅުނު ކުޅުންތެރިންނާއި އޭޝިއަން ގޭމްސްގައި ހިމެނުނު ކުޅުންތެރިންގެ އިތުރުން މިހާރުގެ 23 އަހަރުންދަށުގެ ޓީމުގެ ކުޅުންތެރިން ވަނީ ހިމަނާފައެވެ. ޓީމުގެ ޕްރެކްޓިސް ފަށަން ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މުބާރާތުގެ ބްރޮޑްކާސްޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އެމް އެން ބީ ސީ އެވެ.
ޗެލެންޖްކަޕް ކޮލިފައިންގައި ރާއްޖެ އާއި ވާދަކުރަނީ ކިރުގިސްތާން، ތަޖިކިސްތާން އަދި ކެމްބޯޑިއާ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ޗެލެންޖްކަޕަށް ކޮލިފައިވާނެ އެވެ.
2009ގެ ކޮލިފައިން މާލޭގައި ބޭއްވި ނަމަވެސް ރާއްޖެ ކޮލިފައިވާ ގޮތެއް ނުވިއެވެ. ތުރުކަމިނިސްތާނު އަތުން ބަލިވުމުން ގްރޫޕްގައި ރާއްޖެ ދިޔައީ ދެވަނައަށެވެ. އެހެންކަމުން ރާއްޖެއަށް ކޮލިފައިވެވޭ ގޮތެއްް ނުވިއެވެ. ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން އެފަހަރު ކޮލިފައިވީ ބަންގްލަދޭޝް އެވެ.