އިންތިހާބުގައި މަކަރުހަދައިފާނުގެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެރިކަން ކުރާ ޕާޓީން ބުނެފައި ވަނިކޮށް ތުރުކީގެ ޕާލަމެންޓްރީ އިންތިހާބު މިއަދު ފަށައިފި އެވެ.


ތުރުކީގެ ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭކޭޕީ) އިން އިއްޔެ ބުނެފައި ވަނީ ސަރުކާރާ ދެކޮޅު ފަތުޙުﷲ ގްލެންއަށް ތާއީދުކުރާ މީހުން ވޯޓް އޮޅުވާލައި، އޭކޭޕީގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވައިފާނެ ކަމަށެވެ. ނަމަވެސް ތުރުކީގެ އިންތިހާބު ތަކާ ބެހޭ އިދާރާ ސްޕްރީމް އިލެކްޝަންސް ބޯޑް (ވައިއެސްކޭ) އިން ބުނެފައި ވަނީ އެއްވެސް މައްސަލައެއް ނުޖެހި، އޮމާން ކަމާއި އެކު އިންތިހާބު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"...އިންތިހާބު ކުރިއަށް ދާނީ ސަލާމަތްތެރިކަމާއި އެކު، ރައްޔިތުން އެކަން ދެނެ ތިބެން ޖެހޭނެ. ވޯޓްފޮށިތައް ބެލެހެއްޓުމަށް ޕާޓީތަކުން މަންދޫބުން ފޮނުވަން ޖެހޭނެ،" އިންތިހާބާއި މެދު ރައްޔިތުންނަށް ޔަގީންކަން ދެއްވުމަށް އިންތިހާބާ ބެހޭ އިދާރާގެ ވެރިޔާ ސާދީ ގުއުވެން އިއްޔެ ވިދާޅުވި ކަމަށް ހުއްރިއްޔަތު ޑެއިލީ ނޫހުން ބުންޏެވެ.
ތުރުކީ ޕާލަމެންޓަށް 550 މެމްބަރުން ހޮވުމަށް މިއަދު ފެށި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 56 މިލިޔަން މީހުން އެބަ ތިއްބެވެ.

މިއަދުގެ އިންތިހާބުން ބޮޑު އަޣުލަބިއްޔަތެއް ހޯދުމަށް ވެރިކަން ކުރާ އޭކޭޕީ އިން ވަނީ ވަރުގަދަ ކެމްޕޭނެއް ކޮށްފަ އެވެ. އެފަދަ އަޣުލަބިއްޔަތެއް ލިބިއްޖެ ނަމަ ރައީސަށް ގިނަ ބާރުތައް އޮންނަ ރިޔާސީ ނިޒާމަކަށް އެގައުމު ބަދަލުކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.