ދުނިޔޭގެ ބާޒާރަށް ތެޔޮނެރޭ ބޮޑެތި ގައުމުތައް އެކުވެގެން އުފައްދާފައިވާ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް ޕެޓްރޯލިޔަމް އެކްސްޕޯޓިން ކަންޓްރީސް ނުވަތަ އޯޕެކް އިން، ދުވާލަކު 30 މިލިއަނަށްވުރެ ގިނަ ތެޔޮފީފާ ބާޒާރަށް ނުނެރެން ނިންމުމާއި ގުޅިގެން ތެލުގެ އަގު އަނެއްކާ ވެސް މައްޗަށް ޖެހިލައިފި އެވެ.

އޯޕެކް އިން އެގޮތަށް ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހު އޮސްޓްރޭލިއާގައި ބޭއްވި އެ އޯގަނައިޒޭޝަންގެ އިސްވެރިންގެ 167 ވަނަ ބައްދަލުވުމުގަ އެވެ. ވަކި ލިމިޓެއްގައި ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެޔޮ ބާޒާރަށް ނެރެން އެ އޯގަނައިޒޭޝަނުން ނިންމީ ތެލުގެ އަގު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށްބޮޑަށް ވެއްޓި، ވަކި ލިމިޓެއް ނެތި ދޫކޮށްފިނަމަ އިތުރަށް އަގު ވެއްޓި މާކެޓަށް ގެއްލުންވެދާނެ ކަމަށް ބަލާފަ އެވެ.

އެ ބައްދަލުވުމުގައި އޯޕެކްގެ މެންބަރު ގައުމުތަކުން ބުނެފައި ވަނީ މިހާރު ހުރި އަގަށްވުރެ ބޮޑަށް، ގާތްގަނޑަކަށް 75 ނުވަތަ 80 ޑޮލަރަށް ތެލުގެ އަގު އުފުލިއްޖެނަމަ ގައުމުތަކުގައި ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކަށް އިގްތިސޯދީ ގޮތުން ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

އޯޕެކްގެ ނިންމުމާއި ގުޅިގެން މިހާރު ވަނީ ކުރޫޑް އޮއިލް ނުވަތަ ސާފްނުކުރާ ތެލުގެ އަގު 0.6 އިންސައްތަ އުފުލިފަ އެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ތެލުގެ އަގު އަދިވެސް އިތުރަށް އުފުލޭނެ އެވެ.

މީގެ ކުރިން ބޭއްވި އޯޕެކްގެ ދެ ބައްދަލުވުމުގައިވެސް ތެލުގެ އަގު ވެއްޓުން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އެއްބަސް ނުވެވި ނިމުމާއި ގުޅިގެން، ތެލުގެ އަގު ވަނީ ގާތްގަނޑަކަށް ފަސް އިންސައްތަ ދަށްވެފަ އެވެ. އަދި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގު 45 އިންސައްތަ ވެއްޓިފައި ވެއެވެ.

ޖެނުއަރީ މަހާ އަޅައިބަލާއިރު ގާތްގަނޑަކަށް ތެޔޮ ފީފާއެއްގެ އަގުން އެވްރެޖުކޮށް 20 ޑޮލަރު މިހާރު ވަނީ ބޮޑުވެފަ އެވެ. އެގޮތުން ޖެނުއަރީ މަހު 45 ޑޮލަރަށް ވިއްކި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 62.50 އަށް އުފުލިފަ އެވެ.