07 Jun 2015, 12:11
ހަތް ދާއިރާއަކުން ޞިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޑިޕާޓްމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ ދާއިރާ އިން ދެ ބޭފުޅަކާއި އެނެސްތީސިއޮލޮޖީގެ ދާއިރާއިން ދެ ބޭފުޅަކާއި ޕީޑިއެޓުރިކުސްގެ ދާއިރާ އިން ދެ ބޭފުޅަކު ތަމްރީން ކުރުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި ބުނީ އިންޓަނަލް މެޑިސިންގެ ދާއިރާ އިން ވެސް ދެ ބޭފުޅަކާއި ޖެނެރަލް ޕްރެކްޓިޝަނަސްގެ ދާއިރާއިން ދެ ބޭފުޅެއްގެ އިތުރުން އޯތޯޕީޑިކްސްއާ އީއެންޓީގެ ދާއިރާ އިން އެއް ބޭފުޅަކު ތަމްރީނު ކުރުމަށް ވަނީ ފުރުސަތު ހުޅުވާލައިފައި ކަމަށެވެ.
އެ ދާއިރާތަކުން ތަމްރީނު ހޯދުމަށް ބޭނުންވާ ފަރާތްތަކަކީ އެމްބީބީއެސް ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި އެމްބީބީއެސް ހެދުމަށް ފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށް އެ ޑިޕާޓްމަންޓުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
ޑިޕާޓުމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ އެ ފުރުސަތުތަކަށް މީހުން ހޮވުމުގައި ވަކި މިންގަނޑުތަކަކަށް އިސްކަން ދެވޭނެ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގެ ސަރުކާރު ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒެއްގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އިސްކަން ދެވޭނެ ކަމަށް އެ ޑިޕާޓުމަންޓުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ. އަދި ބުނީ އަތޮޅު ތެރޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ވުރެ އިތުރުވާ ނަމަ ދެން އިސްކަންދެވޭނީ، އެމްބީބީއެސް ހެދުމަށްފަހު އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް ނުވަތަ ޞިއްޙީ މަރުކަޒެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށް ކަމަށެވެ.
ޑިޕްލޮމާއިން ފެށިގެން މަތީގެ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން މައުލޫމާތުދެ އެވެ. އަދި ބެޗްލާސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާ ނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެ އެވެ. އަދި އެސެޓުފިކެޓާ އެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެ އެވެ.
އެ ސްކޮލަޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށް ފަހު، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ފަސް އަހަރު ދުވަހު ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ އެ ކޯސްތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 14:30ގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިއީ ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެންދޭ ފުރުސަތުތަކެ ކެވެ.