ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ އާދަތައް ރާއްޖޭގެ ރައްޔިތުންގެ މެދުގައި އަށަގެންފައި އޮތީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާއި މެދު މަޝްވަރާ ކުރުމަށް ސަރުކާރުންގެ އެހެން އިދާރާތަކާއި އެކު ހެލްތު މިނިސްޓްރީން ބާއްވާ މަތީ ފެންވަރުގެ ބައްދަލުވުން ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"...ތަފާސް ހިސާބުތަކަށް ބަލާއިރު އެނގެނީ، ރާއްޖޭގައި ވެސް ގައިން ގަޔަށް ނާރާ ބަލިތައް ނުވަތަ އެންސީޓީސް ކަންބޮޑުވާ ވަރަށް އޮތްކަން. އަދި މިކަމަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން ޖެހޭ ކަން. އަދި މިފަދަ ބަލިތަކަށް މަގުފަހިވާ އާދަތައް މީހުންގެ ކިބައިގައި ވަރަށް ބޮޑަށް އަށަގެންފައިވާކަން އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ އާދަތަކާ ބެހޭ ގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބޭފުޅުން -- ސަން ފޮޓޯ/ އަލީ ނަސީރު

ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އޮތް މިންވަރާއި މެދު ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ، ޑަބްލިއުއެޗްއޯއިން އަންދާޒާކުރާ ގޮތުގައި ރާއްޖޭގައި މަރުވާ ކޮންމެ 10 މީހެއްގެ ތެރެއިން އަށް މީހަކު މަރުވަނީ އެފަދަ ބަލިތަކުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ، އެކަމުގެ ސަބަބުން މުޖުތަމައުގެ ދުޅަހެޔޮކަމުގެ އިތުރުން އިގުތިސާދަށާއި އުފެއްދުންތެރިކަމަށް ވެސް އަސަރުކުރާ ކަމަށެވެ. އެއީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރެވިއްޖެ ނަމަ އެފަދަ ބަލިތައް މީހުންނަށް ޖެހޭ މިންވަރު މަދުކުރެވިދާނެ ކަމަށް ވެސް އިރުތިޝާމް ވިދާޅުވި އެވެ.

"... ފަރުދީ ގޮތުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވިޔަފާރިވެރިންނާއި މުއައްސަސާތަކުންނާއި އަދި ގައުމީ ފެންވަރެއްގައި މަސައްކަތްތައް ކުރެވިއްޖެ ނަމަ މިފަދަ ބަލިތަކަށް މީހުން ހުށަހެޅޭ މިންވަރު މަދުކުރެވި، ބަލިތަކުގެ ސަބަބުން މީހުން އުފުލަން ޖެހޭ ތަކުލީފު ކުޑަކުރެވި، ސިއްހީ ގޮތުން ކުރަން ޖެހޭ ހޭދަ ކުޑަކުރެވިގެންދާނެކަމަށް އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.