07 Jun 2015, 11:32
އާސަންދައިގެ ދަށުން ބޭސްފަރުވާއަށް މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއާ ހަވާލުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަން ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން މައުމޫނު އަބްދުލް ސަމަދު ސޮއިކުރެއްވިއިރު އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ.
އެ އެގްރިމެންޓުގެ މައުލޫމާތު ސަން އަށް ދެއްވަމުން ހެޑް އޮފް މޯލްޑިވިއަން ހޮލިޑޭސް މުހައްމަދު ރިޒްވީ ވިދާޅުވީ، މީގެ ފަހުން އާސަންދައިގެ ދަށުން ކުރެވޭ ހުރިހާ އެތެރޭގެ އުދުހުންތަކާއި ރާއްޖެއިން ބޭރަށްކުރާ ވައިގެ އުދުހުންތަކެއް ހަމަޖައްސާނީ މޯލްޑިވިއަނުން ކަމަށެވެ.
އެގޮތުން މޯލްޑިވިއަންގައި ޖާގަނެތް ނަމަ ނުވަތަ މޯލްޑިވިއަން އިން ދަތުރުނުކުރާ މަންޒިލްތަކަށް މީހުން ގެންދިއުމުގެ އިންތިޒާމްވެސް ހަމަޖައްސާނީ މޯލްޑިވިއަންއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިލެންޑް އޭވިއޭޝަންގައި އިންނަ ޑިޕާޓްމެންޓެއް އެއީ މޯލްޑިވިއަން ހޮލިޑޭސް. އެ ޑިޕާޓްމެންޓްގެ ދަށުން އެހެން އެއާލައިންތަކުގެ ޓިކެޓްތައް އެރޭންޖްކޮށްދީ ހަދާ. މިސާލަކަށް ސްރީލަންކަން އެއާލައިން، އިންޑިއަން އެއާލައިން،" ރިޒްވީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އާސަންދައިގެ ދަށުން ދަތުރުކުރާ މީހުންގެ ކަންކަން އެއްތަނަކުން ހަމަޖެހިގެން ދިއުން ކަމަށެވެ.