07 Jun 2015, 10:41
ޗައިނާގައި ބާއްވާ ވިޔަފާރީގެ ބޮޑު ފެއާއެއް ކަމަށްވާ 23 ވަނަ "ކުންމިން ފެއާ" އާއި 10 ވަނަ ސައުތު އޭޝިއާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަގުރީރު ކުރެއްވުމަށް ނިންމަވައިފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި ރައީސް ޔާމީން ބުރާސްފަތި ދުވަހު ޗައިނާއަށް ވަޑައިގަންނަވަން ނިންމާފައިވާއިރު މިމަހު 12 ވަނަ ދުވަހު ޗައިނާގެ ކުންމިންގައި ފަށާ އެ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ތަގުރީރު ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.
"ކުންމިން ފެއާގެ އޯޕަނިންގައި ރައީސް ވާހަކަފުޅު ދައްކަވާ. މި ބުރާސްފަތީގައި ފުރާވަޑައިގަންނަވާނެ،" ކަމާ ގުޅުންހުރި މަސްދަރަކުން ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އާއި ސުވާލު ކުރުމުން ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.
މިއީ ވެރިކަމާއި ހަވާލުވެ ވަޑައިގަތް ފަހުން ރައީސް ޔާމީން ޗައިނާއަށް ކުރައްވާ ދެ ވަނަ ދަތުރުފުޅަށް ވެގެންދާނެވެ އެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުތަކުގައި ޗައިނާ އާއި ރާއްޖެއާ ގުޅިގެން ރާއްޖޭގައި އިގްތިސާދީ ބޮޑެތި މަޝްރޫތަކެއް ހިންގުމަށް ވަނީ އެއްބަސްވެފައެވެ.
ރައީސް މިފަހަރު ވަޑައިގަންނަވާ ކުންމިން ފެއާއަކީ ޗައިނާއާއި ބޭރުގެ އެހެންގައުމުތަކުގެ ވިޔަފާރި ކުންފުނިތަކާ ގުޅުންބަދަހިކޮށް ނެޓްވޯކް ގާއިމް ކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ފެއާއެކެވެ. އެ ފެއާގައި ދިވެހި ވިޔަފާރި ކުންފުނިތަކާއި ދިވެހި ވިޔަފާރިވެރިންވެސް ބައިވެރިވެ އެވެ.