07 Jun 2015, 10:31
ބިދޭސީންގެ ވޯކްޕާމިޓް މެޑިކަލް ހަދައިދިނުމަށް ހުއްދަ ދޫކޮށްފައި ނުވާ ތަންތަނުން މެޑިކަލް ހައްދަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އެގޮތަށް ފާހަގަ ކުރެވިފައި ވާތީ ވޯކްޕާމިޓް މެޑިކަލް ހެދުމުގެ ހުއްދަ ދީފައިނުވާ ތަންތަނުން ހަދާ މެޑިކަލްސް ގަބޫލު ނުކުރެވޭނެ ކަމަށާއި އެފަދަ މެޑިކަލް ހެދުމުގެ ހުއްދަނެތި މެޑިކަލް ހަދައިދޭ ފަރާތްތަކާއި ތަންތަނާމެދު އެ މިނިސްޓްރީން ފިޔަވަޅު އަޅާނެކަމަށެވެ.
ވޯކްޕާމިޓް މެޑިކަލް ހެދުމުގެ ހުއްދަ މިހާރު ދީފައިވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި އޭޑީކޭ ހޮސްޕިޓަލް އާއި އޭއެމްޑީސީގެ އިތުރުން މެޑިކާ އާއި ސެންޓްރަލް ހޮސްޕިޓަލް އާއި ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުން ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ވޯކްޕާމިޓް މެޑިކަލް އަކީ ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ވިސާ ނެގުމަށް ހުށަހަޅަން ޖެހޭ މެޑިކަލް ލިޔުމެކެވެ. ވިސާ ދޭނީ، އެ ލިޔުމަށް ބަލައި އޭނާ އަކީ ރާއްޖޭގައި މަސައްކަތް ކުރެވޭނެ ސިއްހަތެއްގައި ހުރި މީހެއްކަން ކަށަވަރު ކުރުމަށްފަހު އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް އަދި އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ، އެ މެޑިކަލް އިން ފާސްނުވުމުން މިދިޔަ އަހަރު 105 ފަރާތެއް ރާއްޖެއިން ފޮނުވާލާފައި ވާއިރު މިއަހަރުގެ މޭމަހުގެ ނިޔަލަށް 56 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.
"ހެލްތް މިނިސްޓްރީން ބައެއް މީހުންނަށް ޓްރީޓްމަންޓް ދީފައި ބަހައްޓާނެ. އަނެއް ބައި މީހުންނަށް ވަކި ވަރަކަށް ޓްރީޓްމަންޓް ދީފައި ފުރުވާލަން އަޅުގަނޑުމެންނާއި ހަވާލުކުރަނީ،." ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އައުމުން އެމީހުންގެ ގައިގައި ބައްޔެއް ހުރިކަން އެނގިގެން ފޮނުވާލާއިރު އޭގެ ބަދަލުގައި އެމީހުން ރާއްޖެ އައުމުގެ ކުރިން މެޑިކަލް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެފަދަ ޓެސްޓްތައް ހަދާނީ އިތުބާރުކުރެވޭ އިދާރާތައް މެދުވެރިކޮށް ކަމަށް ހަލީލް ވިދާޅުވި އެވެ.