07 Jun 2015, 11:20
ލ. ގަމު ތުނޑީ ޕްރީ ސްކޫލްގައި ވަޒީފާ އަދާކުރަމުން ނުދާ ޓީޗަރެއްގެ މުސާރަ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނެގި މައްސަލައެއްގައި އެ ސްކޫލްގެ ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ބުނީ ލ. ގަމު ތުނޑި ފޮތިވެލި، އަހުމަދު ފަހީމު އެރަށު ޕްރީސްކޫލު ހިންގުމާ ހަވާލުވެގެން ހުންނަވައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަކަރާއި ހީލަތް ހެދި މައްސަލައެއް އެކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެރަށު ކައުންސިލްގެ ފަރާތުން އެރަށު ޕްރީސްކޫލަށް ދޭ ފައިސާގެ އެހީގެ ތެރޭގައި ސްކޫލްގައި ވަޒީފާ އަދާކުރަމުންގެންދާ ތަމްރީން ލިބިފައިވާ ކޮންމެ ޓީޗަރަކަށް ޖުމްލަ 7520 ރުފިޔާ ދެމުން ގޮސްފައިވާ ކަމަށެވެ.
އެ ސްކޫލްގައި މަސައްކަތް ކުރި ޓީޗަރަކު ވިހެވުމަށް ފަހު 2012 ވަނަ އަހަރުގެ މެއި މަހު ނެގި ވިހެވުމުގެ ޗުއްޓީއަށްފަހު ސްކޫލަށް ހާޒިރުވެފައި ނުވާ ކަމަށާއި އަދި އެ ތާރީހަށް ފަހު އޭނާ އަށް މުސާރަ ދީފައެއް ވެސް ނުވެ އެވެ.
ނަމަވެސް 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އެ ސްކޫލުން ގަމު ކައުންސިލަށް ފޮނުވާފައިވާ މުސާރަ ޝީޓުގައި ތަމްރީންވެފައިވާ ޓީޗަރެއްގެ ގޮތުގައި އޭނާގެ ނަން ހިމަނައިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެގޮތަށް މަހެއްގެ މައްޗަށް 7520 ރުފިޔާ ނަގަމުން ގޮސް 52،640 ރުފިޔާ ނަގާފައިވެ އެވެ.
އޭސީސީން ބުނީ އެ ސްކޫލުން ކައުންސިލަށް ފޮނުވާފައިވާ މުސާރަ ޝީޓުގައި ސޮއިކޮށްފައިވަނީ އަހުމަދު ފަހީމު ކަމަށާއި ތަމްރީންވެފައިވާ ޓީޗަރެއް ނެތް ނަމަ އެ ފައިސާ ނުނެގޭނެ ކަމަށެވެ.
"މިފައިސާ ހަރަދުކުރި ގޮތް އެނގޭނެ އެއްވެސް ލިޔެކިއުމެއް ތަހުގީގަށް ލިބިފައި ނުވާތީއާއި އެ ފައިސާ ހަރަދުކުރިގޮތުގެ ތަފްސީލް ހޯދުމަށް އެ ފައިސާއާ ހަވާލުވެފައިވާ ފަހުމީއާ ސުވާލުކުރުން ވެސް ތަހުގީގަށް އެކަށީގެންވާ އެއްބާރުލުން ދީފައި ނުވާތީ އެކަމަކީ އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް މަކަރާއި ހީލަތުން ނާޖާއިޒު ފައިސާއެއް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށް ދަލީލުކޮށްދޭ،" އޭސީސީން ވަނީ ބުނެފަ އެވެ.
އެހެންކަމުން އެ ފައިސާ އަހުމަދު ފަހީމްގެ އަތުން ހޯދައިދިނުމަށް އެދި އޭސީސީން އެ މައްސަލަ މިހާރު ވަނީ ޕީޖީގެ އޮފީހަށް ފޮނުވައިފަ އެވެ.