01 Mar 2011, 18:24
އަޞްކަރީ ޚުދުމުޚްތާރު ގޮތްތައް ދޫކޮށް ރައްޔިތުންގެ އިހްސާސްތަކާ އެކު ކުރިއަށް ދިއުމަށާއި ސަސްޕެންޑުކޮށްފައިވާ ޑިޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޝްވާން އޮފީހަށް ނެރުއްވުމަށް، މިވަގުތު ހޯމް މިނިސްޓްރީ ހިންގެވުން ޙަވާލުކުރައްވާފައިވާ ޙަސަން ޢަފީފަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
މިކަމަށް ގޮވާލައި އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެ މިއަދު ދެކެމުން މިދާ ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ބަދަލަކީ ލާމަރުކަޒީ އުޞޫލުން ކަންކަން ހިންގުމުގެ ނިޒާމުގެ ތެރެއަށް ރާއްޖެ ވަންނަމުން ދިއުން ކަމަށެވެ. އަދި އެއީ ވަރަށް ބޭނުންތެރި، ރަނގަޅު ބަދަލެއް ނަމަވެސް ވޭތުވެ ދިޔަ ތެދިން ދުވަހު ރާއްޖޭގެ ބައެއް ކަންކޮޅުތަކުން ފެނިގެންދަނީ މުޅިން އެހެންމަންޒަރެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"އެކަންކަމުގެ ތެރެއަށް ރައްޔިތުންގެ ހިތްތަކުގައި ނުހަނު ލޯތްބާއި އިހްތިރާމް ލިބިގެންވާ ފުލުހުން، ޤާނޫނާއި ޚިލާފަށް ވެއްދުމަށް އަދުގެ ސަރުކާރުގެ ހޯމް އެފެއާޒް މިނިސްޓަރު ކަމުގެ މަޤާމު ޙަވާލުކުރައްވާފައިވާ ޙަސަން ޢަފީފް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ." އަދާލަތުގެ ބަޔާނުގައިވެ އެވެ.
އަދާލަތުގެ ބަޔާނުގައި ބުނެފައި ވަނީ، ލާމަރުކަޒީ ގޮތުން ކަންކަން ނިންމުމުން އޭގެ ތެރެއަށް މަރުކަޒީ ބާރުގެ ފަރާތުން ވަދެ ތަންތަނުގެ އަމަންއަމާންކަމާއި މަސްލަޙަތު ނަގާލާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި އަތޮޅު ކައުންސިލުތަކުން ވެރިރަށް ބަދަލުކުރުމުގައި ކަންކަން ގެންދަންވީ ގޮތަށް މުޅިން ގެންދަވާފައި ނުވިނަމަވެސް އެއާ ނުބައްދަލު ވަރަކަށް ފުލުހުންގެ ބޭނުންކޮށްގެން ޤާނޫނާއި އިންސާނީ ޙައްޤުތަކާ ޚިލާފަށް އަނިޔާވެރިކަން އިސްކޮށް މަސްލަޙަތު ނަގާލާފައިވާ މަންޒަރު ފެންނަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި ހޯމް މިނިސްޓަރު ޤާނޫނާ ޚިލާފަށް ކުރައްވަން އުޅުއްވާ ކަންކަން ކުރެއްވުމަށް އެއްބަސްވެވަޑައި ނުގެންނެވުމުގެ ސަބަބުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޝްވާން ގެޔަށް ފޮނުވާލުމަކީ ކޮން ހަމައަކުން އަފީފު ކުރެއްވި ކަމެއްތޯ ވެސް އެ ބަޔާނުގައި ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި ގާނޫނާހިލާފް ނުވުމަށް ރިޝްވާން ދެއްކެވި ހިތްވަރާއި ނަމޫނާއަކީ ހަނދާންނައްތާލެވޭނެ ކަމެއް ނޫން ކަމަށާއި، ޤާނޫނާ ޚިލާފަށް ކަންކަން ވިޔަނުދިނުމަށް އެންމެހާ ފުލުހުން މަސައްކަތްކުރުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.