ފިތުރު އީދާ ގުޅުވައިގެން ބާއްވާ ބައިބަލާ މުބާރާތުގައި އެހެން އަހަރުތަކުގައި ސަރުކާރުންދޭ ފައިސާ އަށް ވުރެ ރަނގަޅު އަދަދެއްގެ ފައިސާ މި ފަހަރުގެ މުބާރާތުގައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި ރޭ ޒުވާނުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޔޫތު މިނިސްޓްރީ އަށް ކޮންމެ އަހަރަކު ވެސް އެހާ ބޮޑު ބަޖެޓެއް ސަރުކާރުންދޭ އިރު މި އަހަރުގެ ބައިބަލާ މުބާރާތަށް ސަރުކާރުން ދޭނީ ކިހާވަރެއްގެ އެހީއެއްތޯ ޒުވާނުން ސުވާލު ކުރާނެ ކަމަށެވެ. އެހެންކަމުން ކުރީގެ ދޭ އަދަދަށް ވުރެ މިއަހަރު ސަރުކާރުންދޭ އަދަދު ޔަގީނުން ވެސް އިތުރުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއަންނަނީ ރޯދަމަސް. ރޯދަމަހުގައި ޒުވާނުންގެ ތެރެއިން އެންމެ ގިނަ ކުދިން އުޅޭނީ ފިނި ބުރުގެ އިތުރަށް އެންމެ ގިނަ ކުދިން އުޅޭނީ ކޮންމެވެސް ބައިބަލާ މުބާރާތެއް ނޫނޫ ކޮންމެވެސް ކުޅިވަރު ހަރަކާތެއްގައި. ދެން ތިޔަ ކުދިން އަހާނެ މިފަހަރުގެ ބައިބަލާ މުބާރާތަށް ސަރުކާރުން އެއްޗެއް ދޭނެތޯ. ޝައްކެއް ވެސް ނެތް. ޝައްކެއް ވެސް ނެތް ޒުވާނުންނާ ވާހަކަ ދެއްކި އިރު ޒުވާނުން ކައިރި ބުނިން ޒުވާނުންނަށް ބޭނުން ވަނީ ކުޅިވަރުގެ އެކި ދާއިރާތައް ތަރައްގީ ކުރާށޭ. އެހެންވީމާ ސުޕޯޓްސް އެރީނާތަކާއި ފުޓުސަލް ދަނޑުތަކާއި ބަށި ކޯޓާއި ވޮލީ ކޯޓާއި ރާއްޖޭގެ އެކި ހިސާބުގައި އިތުރުވަމުން އެދަނީ. މިހާރު އެއީ ހަގީގަތް. ގަބޫލު ކުރަންޖެހޭ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ޒުވާނުންނާ ބައްދަލުކުރެއްވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީން ވިދާޅުވީ ހުރިހާ ޖިންސެއްގެ ބޭފުޅުންނަށް ވެސް "އެންޖޯއި" ކުރެވެން ޖެހޭނެ ކަމަށާއި އެކަމުގެ އުފާ މިއަދު ރާއްޖޭގެ ކޮންމެ ހިސާބަކަށް ބަލާލި ކަމުގައި ވިއަސް ދިވެހި އެންމެހާ ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ޒުވާނުންގެ ތެރޭގައި ސުޕޯޓިން ފެސިލިޓީ އަކީ ވަރަށް ބޭނުންތެރި އެއްކަންތައް ކަމަށެވެ.

"ޓޫރިޒަމަކީ މިލިއަނުން މިލިއަނުން ޑޮލަރު ހުންނަ މީހުނަށް ނޫނީ މީގެކުރީގެ ސަރުކާރުތަކުގައި ނޫނީ މީގެ ކުރީގެ ރާއްޖޭގައި އެކުސެސް ކުރެވޭ އިންޑަސްޓްރީއެއް ނޫން. އެކަމަކު މިއަދު ފަތުރުވެރި ކަމުގައި އާމުދަނީ އެހާ އިތުރު ނޫން ފަރާތްތަކަށް ވިޔަފާރީގެ ކުންފުންޏެއް އުފައްދައިގެން ގިނަ އަދަދެއްގެ މީހުންނަށް އެކަން ކުރެވޭ ކަމަށް ވަންޏާ ފަތުރުވެރިކަމުގެ ކޮންމެވެސް އެއް ކޮމްޕޯނަންޓެއްގައި ދިވެހި ޒުވާނުންނަށް ޖާގަ ހޯދުން އެއީ ސަރުކާރުގެ ވިސްނުމަކީ. އެކަމަކު އޭގެ މާނަ އަކީ ކޮންމެ ކުއްޖަކަށް އެކަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެކޭ ނޫން. އެ ކެޕޭސިޓީ ހުރެއްޖެ ކަމަށްވަންޏާ އެކަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރެވޭނެ މަގުތަނަވަސްކޮށްދެއްވާނެ ކަމަށާއި އެ ފުރުސަތުތަކުގެ ބޭނުން ހިފުން އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ.