07 Jun 2015, 09:16
ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗްގައި 3-1 ގެ ނަތީޖާއަކުން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައި ބާސެލޯނާ އިން ޔޫރަޕްގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް، ޔޫއެފްއާ ޗެމްޕިއަންސް ލީގް ކަމިޔާބުކޮށްފި އެވެ.
ޖަރުމަންގެ ބާލިންގެ އޮލިމްޕިއާ ސްޓޭޑިއޮން ދަނޑުގައި ކުޅުނު މެޗްގައި ބާސާ އިން އުފެއްދި ފުރަތަމަ ހަމަލާގައި އެންޑްރެސް އިނިއެސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކުރީ ކޮރޭޝިއާގެ އެޓޭކިން މިޑްފީލްޑާ އިވާން ރެކިޓިޗް އެވެ. މިއީ މިހާތަނަށް ޗެމްޕިއަންސް ލިގް ފައިނަލެއްގައި ބާސާއިން ކާމިޔާބު ކުރި އެންމެ އަވަސް ގޯލެވެ.
މިލަނޑު ޖަހަން އިނިއެސްޓާ ފުރުސަތު ތަނަވަސްކޮށްދިނުމުން ރޭ ބާސާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެން ނިކުތް އިނިއެސްޓާ ވަނީ މިމުބާރާތުގައި ލަނޑު ޖެހުމަށް ފަސް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. އެހެންކަމުން އޭނާ ވަނީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނައިން ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ބާސާގެ އާޖެންޓީނާގެ ފޯވަޑް ލިއޮނަލް މެސީވެސް ވަނީ ހަމަ މިއަދަދަށް ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޔުވެންޓަސް އެއްވަރުކޮށްދިން ލަނޑު ދެ ވަނަ ހާފުގެ 10 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ ކާމިޔާބު ކުރީ ޔުވެންޓަސްއިން އުފެއްދި ހަމަލާއެއް ބާސާގެ ކީޕަރު ޖަރުމަންގެ މާކް އެންޑްރޭ ސްޓީގަން ދިފާއު ކުރުމުން އެނބުރި ނިކުތް ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ބާސާ ދެ ވަނަ ލަނޑު ލުއިސް ސުއަރޭޒް ކާމިޔާބު ކުރީ މެޗްގެ 23 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މެސީ ޔުވެންޓަސްގެ ޑިފެންޑަރުންގެ ކައިރިން ނައްޓައި ޔުވެންޓަސްގެ ގޯލަށް ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ކީޕަރު ޖިއާންލުއީޖީ ބަފޯން ދިފާއު ކުރުމުން އެނބުރި ނިކުތް ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.
ބާސާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ބްރަޒިލްގެ ފޯވަޑް ނޭމާ ޑަސިލްވާ އެވެ.
ނޭމާ މެޗްގެ އިތުރު ވަގުގެ ގޮތުގައި ދެއްކި އަށް މިނެޓްގެ ތެރެއިން ހަތް ވަނަ މިނެޓްގައި ޕެޑްރޯ ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ރޭގެ މެޗްގައި މެސީއަށް ލަނޑެއް ނުޖެހުމުން މިސީޒަންގެ ޗެމްޕިއަންސް ލީގްގެ ލަނޑު ލިސްޓްގައި މެސީއާ ވަދަވެރި ރެއާލް މެޑްރިޑްގެ ކްރިސްތިއާނޯ ރޮނޮލްޑޯއައި ވަނީ އެއްވަރު ވެފަ އެވެ. މިދެކުޅުންތެރިން ވެސް ވަނީ މިމުބާރަތުގައި 10 ލަނޑު ޖަހާފަ އެވެ.
ރޭގެ މެޗާ އެކު މިހާތަނަށް ޔުވެންޓަސްއާއި ބާސާ 10 ފަހަރު ބައްދަލުކޮށްފައިވާ އިރު މޮޅުވުމުގެ ރެކޯޑް އަދި ވެސް އޮތީ ޔުވެންޓަސްގެ އަތުގަ އެވެ. އެގޮތުން އެޓީމު ހަތަރު ފަހަރު މޮޅުވެފައިވާ އިރު ބާސާ މޮޅުވެފައި ވަނީ ތިން މެޗުންނެވެ. އަނެއް ދެ މެޗް ނިމުނީ އެއްވަރު ވެގެންނެވެ.
ރޭގެ މެޗަށް ނިކުތް އިރު އެއް ލަނޑުގެ ތަފާތުން ޔުވެންޓަސް ކުރީގައި އޮތް އިރު ރޭ ބާސާއިން ޖެހި ތިން ލަނޑައެކު އެއް ލަނޑުގެ ތަފާތުން ބާސާ ވަނީ ކުރި ހޯދަފަ އެވެ. ބާސާއިން ޔުވެންޓަސްގެ ކޮޅަށް ޖަހާފައިވަނީ 12 ލަނޑެވެ. ޔުވެންޓަސްއިން ވަނީ މިހާތަނަށް ބާސަގެ ކޮޅަށް 11 ލަނޑު ޖަހާފަ އެވެ.
މެޗްގެ 33 ވަނަ މިނެޓްގައި ބާސާގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ވަނީ ވައިސް ކެޕްޓަން އެންޑްރެސް އިނިއެސްޓާގެ ބަދަލުގައި ކުޅެން ނިކުމެފަ އެވެ. ރޭގެ މެޗަކީ ޒަވީ ބާސާގައި ކުޅު އެންމެ ފަހު މެޗެވެ. އަންނަ ސީޒަންގައި އޭނަ ގަތަރު ލީގްގެ އަލްސާދު ޓީމަށް ބަދަލުވާ ގޮތަށް ވަނީ ނިންމާފަ އެވެ. ރޭ ބާސާ ޗެމްޕިއަންކަން ހޯދުމުން ޒަވީ ވަނީ ރެކޯޑެއް ހަދާފަ އެވެ. ރެކޯޑެއް ހަދާފަ އެވެ. އެއީ ސްޕެއިންގައި އެންމެ ގިނަ މުބާރާތްތައް ކާމިޔަބު ކޮށްފައިވުމުގެ ރެކޯޑެވެ. ޒަވީއާ އެންމެ ގާތް ކުނީ ރެއަލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ފްރެންޗިސްކޯ ހެންޓޯ ލޯޕޭޒް އެވެ. އޭނާ ވަނި ރެލްގައި 23 މުބާރަތް ކާމިޔާބުކޮށްފަ އެވެ.
ބާސާ ފަސް ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރި އިރު މީގެ ކުރިން އެޓީމުން މުބާރާތް ކަމިޔަބުކޮށްފައި ވަނީ 1992، 2006، 2009 އަދި 2011 ވަނަ އަހަރު އެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. އެޓީމުން ވަނީ 10 ފަހަރު މިމުބަރާތް ކާމިޔާބުކޮށްފަ އެވެ.