07 Jun 2015, 09:19
ދުނިޔޭގެ އެންމެ މުސްކުޅި ބުޅާ އުމުރުން 27 އަހަރުގައި މަރުވެއްޖެ އެވެ. ދުނިޔޭގެ ރިކޯޑް ފޮތުން ބުނާ ގޮތުން އެއީ އިންސާނެއްގެ އުމުރުން ގާތްގަނޑަކަށް 125 އަހަރެވެ.
ކެލިފޯނިއާގެ ސެން ޑިއޭގޯއަށް މާޗް 13، 1988 ވަނަ އަހަރު އުފަންވި ކަޅާއި އޮރެންޖު ކުލައިގެ ޓޯޓެއިސްޝެލް ވައްތަރުގެ ޓިފަނީ ޓޫ ނަމަކަށް ކިޔާ އެ ބުޅާ މަރުވީ މި ހަފްތާގެ ކުރީކޮޅު އެވެ. ނަމަވެސް އެކަން ދުނިޔޭގެ ރިކޯޑް ފޮތުން ކަށަވަރުކޮށްފައި ވަނީ މިިދިޔަ ބުދަ ދުވަހު އެވެ.
"ޓިފަނީ ޓޫ އާއްމުކޮށް ނިދަން އަރާނީ މަގޭ ކައިރިއަށް. އެކަމަކު ވޭތުވެ ދިޔަ މަސްތަކުގައި އޭތި ނިދީ ސިޑިމަތީގަ އާއި ސިޓިން ރޫމްގައި އޮންނަ ބާލީސް ލާފަ އޮންނަ އެދެއްގައި. ނަމަވެސް ޓިފަނީ މަރުވި ރޭ ނިދާފައި އޮތީ އަހަރެން ކައިރީގައި އޮތް ހީޓް ޕެޑް މަތީ،" އެބުޅާ ގެންގުޅުނު ޝެރޯން ވޫހީސް ބުންޏެވެ.
ޝެރޯން ބުނި ގޮތުގައި، ޕެޓް ފިހާރަ އަކުން އެންމެ 10 ޑޮލަރަށް އެ ބުޅާ ގަތް އިރު، އުމުރަކީ އެންމެ ހަ ހަފްތާ އެވެ. އަދި އެއަށް ޓެފަނީ ޓޫގެ ނަމުން ނަންދިނީ އޭނާ ކުރިން ގެންގުޅުނު ހަމަ އެކަހަލަ ބުޅަލުގެ ހަނދާނުގަ އެވެ.
ދުނިޔޭގެ އެންމެ މުސްކުޅި ބުޅަލުގެ ގޮތުގައި ޓިފަނީ ޓޫ ދުނިޔޭގެ ރިކޯޑް ފޮތަށް އެރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. ނަމަވެސް ދުނިޔޭގައި އެންމެ ގިނަ ދުވަސްވަންދެން އުޅުނު ބުޅަލުގެ ރިކޯޑަކާ ޓިފަނީ ޓޫ އަކަށް ގާތެއް ނުކުރެވުނެވެ.
އެ މަގާމުގައި އޮތީ އޮގަސްޓް 3، 1967 އަހަރު ޓެކްސެސް އަށް އުފަންވި ކްރީމް ޕަފް ނަމަކަށް ކިޔާ ބުޅަލުގެ އަތުގަ އެވެ. އެ ބުޅާ މަރުވީ އުމުރުން 38 އަހަރުގަ އެވެ.
ދުނިޔޭގެ ރިކޯޑް ފޮތުގެ ތަރުޖަމާން ވެސް ވަނީ ޓިފަނީ ޓޫ މަރުވުމާ ގުޅިގެން ހިތާމަކުރާކަން ހާމަކޮށްފަ އެވެ. އަދި ދުނިޔޭގެ އެންމެ މުސްކުޅި ބުޅަލުގެ އެވޯޑް ދެން ދޭނެ ބުޅަލެއް ހޯދުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މަގާމަށް ނަން ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މައުލޫމާތު: މިރާ އަދި ގިނިސް ވޯލްޑް ރިކޯޑް ވެބްސައިޓް