06 Jun 2015, 23:42
ރައީސް ޔާމީންގެ ސަރުކާރަކީ 25 ޕަސެންޓުގެ ސަރުކާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ކަމުގައި ވިޔަސް ދިއްގަރު ދާއިރާގެ އިންތިހާބުން 25 ޕަސެންޓު ނިސްބަތް ވަނީ ކޮން ބަޔަކަށްތޯ ގަބޫލު ކުރަން ދަތި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކާނިވާ ސަރަހައްދުގައި މިރޭ ޒުވާނުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން މިއަދު ވޯޓު ދެމުންދަނީ ޕީޕީއެމަށް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއަދު ރާއްޖެ ދަތުރު ކުރަމުންދާ މިސްރާބުން ޒުވާނުންނަށް އުއްމީދުތަކެއް ލިބެމުން އަންނަ ކަމަށެވެ.
"މިކަމުން ވެސް މި ދައްކުވައި ދެނީ ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑާ ވާދަ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުން ތެދެއްމެ އިންތިހާބުގައި ހަތަރު ފަހަރު ވޯޓު ލައިގެން ދިވެހި ތާރީހުގައި ދުވަހަކު ވެސް ނުވާ ވަރަށް ރައްޔިތުން ނުކުމެ ވޯޓުލައިގެން ވެސް 25 ޕަސެންޓު ލިބިގެން ﷲ ގެ ރަހުމަތާއެކު ތިޔަ ކުދިންގެ ވޯޓާއި އެކީ ތިބޭފުޅުންނަށް ހިދުމަތް ކުރުމަށް އަޅުގަނޑު އައީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޒުވާނުން ދައުލަތަށް ދަރާފައިވާ މިންވަރު ޓޯޔާޑަށް ބަލައިލުމުން އެނގިލައްވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ދައްކަން ޖެހުމުން އެ ވެހިކަލްތައް ނެރެވޭނެ ގޮތެއް ޒުވާނުންނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަމަކީ ސަރުކާރަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޒުވާނުންނާ ރައީސް ޔާމީން ބައްދަލުކޮށްލެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިއަދު ރައްޔިތުންގެ މަޖިލީހަށް ލިބުނު މެމްބަރާއި އެކީ ޕީޕީއެމްއާ ތާއިދުކުރާ ޕީޕީއެމްގެ މެމްބަރުންނާ އެކީ އަދި އަޅުގަނޑުމެންނަށް ތާއީދު ކުރާ އެމްޑީއޭގެ މެމްބަރުންނާއި އެކީ އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މި ރަމަޟާން މަސް އައުމުގެ ކުރިން ކުރެވޭތޯ މަސައްކަތް ކުރާނަން. ނަމަވެސް ޝައްކެތް ވެސް ނެތް ގޮތުގައި މިދައުރުގައި މި ދަރަނިތައް ފިލުވާލުމަށް މަޖިލީހަށް ވާނީ ބިލު ވައްދާފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރުމާ އެކީ ދިވެހި އެއްވެސް ޒުވާނަކީ ދައުލަތަށް ދަރާފައިވާ ޒުވާނަކަށް ނުވާނެ ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖަލުގެ ތޭރިތަކުގައި މިއަދު ވެސް އެތައް ޒުވާނުންތަކެއް އެބައޮތް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ޒުވާނުންނަށް ގޮވަމުންދާއިރު އެފަދަ ކުށްތަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
"އެއްވެސް ކުށެއް ކުރަން އެއްވެސް ބަޔަކު ދިވެހި ޒުވާނުންނަށް ހިތްވަރު ދޭ ކަމަށް ވަންޏާ ނޫނެކޭ ބުނޭ. އެ ކުދިން އެ ތިބީ ޖަލުގެ ތޭރިތަކުގެ ތެރޭގައި. އެކުދިން ލައްވާ މަސައްކަތް ކުރި މީހުނެއް އެ ކުދިން ސަލާމަތް ކުރާކަށް ނާދޭ. އެކަން އެ ގޮތަށް ކުރާކަށް ހަމަ ކުރާ އެއްވެސް ކަމެއް ނެތް. އަނެއްކާ ވެސް ކޮންމެވެސް ކަހަލަ އިހުސާންތެރި ކަމުގެ ދޮރޯއްޓަކުން ނެރެން މި ޖެހެނީ ރައީސް ޔާމީނަށް. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެ ކުދިންނަކީ ރައީސް ޔާމީނަށް އަޅުގަނޑަށް ވޯޓު ދިން ކުދިންނެއް ނޫން. ނެވާދަލެސް އެކުދިންވެސް މިނިވަން ވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.