07 Jun 2015, 09:35
ސިއްރު ނުވަތަ ޒާތީ މުއާމަލާތެއް ފޯނުން ކުރަންވެއްޖެ ނަމަ ޖެހިލުންވާ އެތައް ދިވެހިންނެއް އުޅެ އެވެ. ދިވެހިންގެ ތެރޭގައި އަޑުފެތުރިފައިވާ ގޮތުން ދޭދޭ މީހުންގެ މެދުގައި ކުރެވޭ ފޯން ކޯލްތަކާއި މެސެޖްތަކަކީ އަޑު އަހައި ބަލައި ހަދާ އެއްޗިއްސެވެ. އެ ބިރު ކަނޑާލައި މުއާމަލާތް ކުރަން ފެށުނީ ތަފާތު ސޯޝަލް ނެޓްވޯކްތައް ތައާރަފްވުމާއި ގުޅިގެންނެވެ. އެއީ ސިޔާސީ ވާހަކަތަކަށް ހުޅުވާލެވުނު ދޮރެކެވެ. ނެޓްވޯކްތަކުގެ ތެރެއިން ވެސް ވައިބާއަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލްކަން ހޯދާފައިވާ ނެޓްވޯކެވެ. ގިނަ ދިވެހިން ގަބޫލް ކުރާ ގޮތުގައި އެއީ ވަރަށް ރައްކާތެރި ނެޓްވޯކެވެ.
ވައިބާ އާއި މެދު އޮތް އިތުބާރު ކިތަންމެ ބޮޑަސް ނުކިއްސަރު އަލާމާތްތަކެއް މިވަނީ ފެންނަން ފަށާފަ އެވެ. ވައިބާ މެދުވެރިކޮށް ސިއްރުން ކުރާ މުއާމަލާތްތައް ފަޅާއަރަން ފަށައިފި އެވެ. ހަމަ ހަގީގީ ސްކްރީން ޝޮޓްތައް ލީކްވާން ފަށައިފިއެވެ. ވައިބާ މެދުވެރިކޮށް ކުރާ މެސެޖްތައް ވެސް ބަޔަކު ބަލާ ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ. ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ވައިބާ މެސެޖް ތަކަކީ ރާއްޖޭގައި ވެސް މޮނީޓާ ކޮށް ބަލައި ހަދާ އެއްޗެކެވެ.
"ރާއްޖޭގައި ވައިބާ މެދުވެރިކޮށް ކުރެވޭ ކޮންވަޒޭޝަންތައް، މިބުނީ މެސެޖްތައް ކަމާ ބެހޭ ފަރާތްތަކުން ބަލާ. ދެން ކޯލް އަދި އަޑެއް ނޭހޭ،" ކަމާ ގުޅޭ މަސްދަރަކުން ސަން އަށް އެކަން ކަށަވަރުކޮށްދެމުން ވިދާޅުވި އެވެ.
އޮފިޝަލްގެ ބަހަށް އިތުރު ހެއްކަކަށް ވަނީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދުގެ ވާހަކަ އެވެ. އެމަނިކުފާނާއި އެ ސުވާލު ކުރިމަތި ކުރުމުން އެކަން ދޮގުކުރެއްވުމުގެ ބަދަލުގައި ސީޕީ ވިދާޅުވީ، ވައިބާއިން ހިންގާ މުއާމަލާތްތައް ބަލައި ހެދޭނެ ގޮތްތަކެއް ވެސް ހުންނަ ކަމަށެވެ.
"ޓެކްނޮލޮޖީގެ ތެރެއިން އެއްވެސް އެއްޗެއް ނާންނާނެ ފާރަވެރި ނުވެވޭނެ އިނގޭތޯ. އަޅުގަނޑު މިވަގުތަށް އެސުވާލުގެ ޖަވާބް އެހާވަރަށް ކުރުކޮށްލާނަން،" ވައިބާ މޮނީޓާ ކުރައްވަންތޯ ދެންނެވުމުން ސީޕީ ހުސެއިން ވަހީދު ވިދާޅުވި އެވެ.
ވައިބާ މޮނީޓާކޮށް ބަލާކަން ކަމާބެހޭ ފަރާތްތަކުން ދޮގު ނުކުރާ އިރު ތަޖުރިބާކާރުންގެ ބަހަށް ބަލައިލަމާތޯ އެވެ. ވައިބާ އަކީ މޯބައިލް ނަމްބަރު ބޭނުންކޮށްގެން ބޭނުން ކުރާ ނެޓްވޯކަކަށް ވުމުން އެއީ ވަކި މީހެއް ދެނެގަންނަން ފަސޭހަވާ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެއާއެކު އޭނާ އުޅޭ ގްރޫޕެއްގެ ހުރިހާ މުއާމަލާތެއް ބަލާލެވޭ ކަމަށް އެފަރާތްތަކުން ބުނެ އެވެ.
މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގައި މަސައްކަތް ކުރާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ވައިބާ ކުންފުނިން، ބައެއް ސަރުކާރުތަކަށް ކޮންމެވެސް ވަރެއްގެ އެކްސަސް ދޭ ކަމީ ވެސް ދެކެވޭ ވާހަކައެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި އެގޮތަށް ބަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަމައެހެންމެ ބައެއް ހެކަރުން ފައިސާއަށް ވައިބާ އެކްސަސް ހޯދައިދޭ ކަމަށް ވެސް ވާހަކަދެކެވެ އެވެ.
"އަހަރެމެންނަކަށް ނޭނގެ މިކޮޅުން [ރާއްޖެ އިން] ބަލަނީ ސީދާ ވައިބާއިން ދީފައި އިންނަ އެކްސަސް އަކުން ކަމެއް. ނުވަތަ ތާޑްޕާޓީ އެކްސަސްއެއް ކަމެއް. ބައެއް ކުންފުނިތައް އުޅޭ ވައިބާގެ ލޫޕްހޯލްސް ތަކުން އެކައުންޓްތައް ކްރިއޭޓްކޮށްގެން އެކްސަސް ދޭ،" މުއާސަލާތީ ދާއިރާގައި ހަރަކާތްތެރިވާ އެދާއިރާގެ ތަޖުރިބާ ކާރަކު ސަން އަށް ވިދާޅުވި އެވެ. "އެމީހުން ދޭނެ ޕްލެޓްފޯމެއް. އެމީހުން ދޭނެ ރާއްޖޭގެ ނަމްބަރުތަކުން ހަދާފައި ހުންނަ ގްރޫޕުތަކާއި ގްރޫޕްތަކުގެ ނަން. ދެން އޭގެން ކޮންމެ ގްރޫޕަކަށް ކްލިކް ކޮށްލީމާ ފެންނާނެ ރިއަލްޓައިމް ޗެޓް."
ރާއްޖޭން ވައިބާ ބަލައިގަތީ ސިއްރު ހިފަހެއްޓުމަށެވެ. އެއާ އެކު ހައްދެއް ނެތް މިންވަރަށް މުއާމަލާތްތައް ވައިބާ މެދުވެރިކޮށް ކުރަންފެށި އެވެ. ހަމައެއާ އެކު އޮފީސްތަކުގެ މަސައްކަތާއި އެހެނިހެން އެކިއެކި މުހިންމު މުއާމަލާތްތައް މުޅިން ވައިބާއަށް ހުސްވި އެވެ. ހަމައެއާ އެކު އާއިލާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ވެސް ބޭނުން ކުރާ ވަސީލަތަކަށް ވައިބާވި އެވެ. އެންމެން ވެސް ވައިބާއަށް ބަރޯސާވި މައިގަނޑު ސަބަބަކަށްވީ ވައިބާއަކީ ތިމާމެން ނޫން ބަޔަކަށް އަޑުނޭހޭ އަދި މެސެޖްތައް ވެސް ނުފެންނަ ނެޓްވޯކެއް ކަމަށް ގަބޫލް ކުރެވިގެންނެވެ. ނަމަވެސް ވައިބާ އެންމެ ފަހުން މިވީ ހީކުރި ފަދަ ނެޓްވޯކަކަށް ނޫނެވެ. އެއީ ހަމަ ބަލައި މޮނީޓާ ކުރާ ނިޒާމެކެވެ.
މުއާމަލާތްތައް ބޭޒާރު ވެދާނެކަމާ މެދު ބިރުން ތިބި ދިވެހިންނަށް އުފާވެރި ހަބަރެއް ވެސް އެބައޮތެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ މީހުންގެ ޒާތީ މުއާމަލާތްތައް ކޯޓްއަމުރެއް ނެތި ފުލުހުން ބަލައި ނުހަދާނެ ކަމަށެވެ. އެހެން ކަމުން ހެޔޮ ގޮތުގައި ވައިބާ ބޭނުން ކުރާ ފަރާތްތަކަށް ބިރެއް ނެތެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާ އިރު ވެސް ވައިބާ އަކީ ޗެކްކޮށް ބަލައި ހަދާ އެއްޗެކެވެ. ދަ ގާޑިއަންފަދަ ނޫސްތަކުގައި އެ ތުހުމަތުތައް އެވަނީ ކުރެވިފަ އެވެ. ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުގައި ވައިބާ އަކީ މޮނީޓާ ކުރާ ނެޓްވޯކެކެވެ. އެ ގައުމުތަކުން ބުނަނީ އެގޮތަށް މޮނީޓާ ކުރުމުގެ ބޭނުމަކީ ޓެރަރިޒަމްގެ އެއްވެސް އަމަލެއް އެގައުމުގައި ހިންގުމުގެ ފުރުސަތު ނުދިނުމެވެ. އެކަމުން ވެސް ވައިބާއަކީ ބެލޭ އެއްޗެއްކަން ހާމަވެ އެވެ.
ދުނިޔޭގެ އިސްލާމީ ބައެއް ގައުމުތަކުގައި ވައިބާ ބޭނުން ކުރުން ހުއްޓުވަން ވަރަށް ބޮޑަށް ބާރުއަޅަ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އީރާން ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތައް ހިމެނެ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ވައިބާ އަކީ ޖާސޫސަށް ބޭނުން ކުރާ ވަސީލަތެއް ކަމަށް ގަބޫލް ކުރެވުމެވެ. ހެކިތައް ވެސް އެބަހުއްޓެވެ.
ވައިބާގެ ބާނީ އަކީ އިޒްރޭލުގެ ރައްޔިތެއް ކަމަށްވާ ޓަލްމޯ މާކޯ ނަމަކަށް ކިޔާ މީހެެކެވެ. ވައިބާ އުފެއްދި މާކޯ އަކީ އިޒްރޭލު ޑިފެންސް ފޯސްގެ ސެންޓްރަލް ކޮމާންޑްގެ ޗީފް އިންފޮމޭޝަން އޮފިސަރެވެ. އޭނާ އިޒްރޭލުގެ އަސްކަރިއްޔާގައި ހަތަރު އަހަރު މަސައްކަތް ކުރި އެވެ. ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ވަނީ އޭނާ ސަރުކާރުތަކަށް މައުލޫމާތު ދޭ ކަަމަށް ބުނެފަ އެވެ. ސަބަބެއް ކަަމަށް އެ މީހުން ބުނަނީ މާކޯ އަކީ އަސްކަރިއްޔާގައި މަސައްކަތް ކުރި މީހަކަށް ވުމާއި އޭނާ ނިސްބަތްވާ ގައުމުގެ ގޮތުންނެވެ.
އެހެންނަމަވެސް މާކޯ ދަ ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި ބުނީ މުއާސަލާތީ މިނިވަންކަމުގެ ހައްގާދޭތެރޭ އޭނާ ސީރިއަސް ކަަމަށެވެ. އެހެންނަމަވެސް ކޯޓް އަމުރެއް އައިސްފި ނަމަ ކޯލް ކުރީ ނުވަތަ ކޯލް ނެގީ ކާކުކަމާއި އެއީ ކޮންވަގުތަކު ކުރި ކޯލެއް ކަމުގެ މައުލޫމާތު ދޭނެ ކަމަށް އޭނާ ބުންޏެވެ. ކޯލުގައި ދެއްކި ވާހަކަ ނުވަތަ އެހެންވެސް 'ކޮންޓެންޓެއް' ނުދޭނެ ކަމަށް އޭނާ ބުންޏެވެ. މެސެޖްތައް ހުންނަނީ 'އެންކްރިޕްޓް' ކޮށްފައި ކަމަށާއި އެންކްރިޕްޝަން ކޯޑް އެއްވެސް ސަރުކާރަށް ނުދޭނެ ކަަމަށް ބުނެ ވައިބާ އަކީ ސިއްރު ނެޓްވޯކެއް ކަމަށް އޭނާ ވަކާލާތު ކުރެ އެވެ.
އެއީ ދުނިޔޭގެ އާދަ އެވެ. އެފަދަ ކޮންމެ ނެޓްވޯކެއް ތައާރަފްކޮށް އެނެޓްވޯކް ޕްރޮމޯޓް ކުރުމަށް އެކުންފުނިތަކުން އިންތިހާއަށް މަސައްކަތް ކުރެ އެވެ. އެއީ އެންމެ ސިއްރު ނެޓްވޯކް ކަމަށް ކޮންމެ ކުންފުއްޏަކުން ވެސް ވަކާލާތުކުރެ އެވެ. ވާނީވެސް އެހެންތާ އެވެ. ކުންފުނިތަކުން ވިސްނާނީ އެކުންކުފުނިތަކުގެ ފައިދާ އިތުރުކުރެވޭނެ ގޮތަށެވެ. ނަމަވެސް އެފަދަ ނެޓްވޯކްތަކަކީ ގައުމުތަކުން ބަލައި ހަދާ ނެޓްވޯކްތައްކަން އާހިރުގައި ފަޅާއަރަނީ ވެރިންގެ ދުލުންނެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެފައި ވަނީ އޭނާ މިދައުރަށް އިންތިހާބްވުމުން ވަޓްސް އަޕާއި، ސްނެޕްޗެޓް ފަދަ ސޯޝަލް ނެޓްވޯކްތައް ބަލާނެ ކަމަށެވެ. އެއީ ހަމަ ވައިބާ ފަދަ ނެޓް ވޯކް ތަކެވެ. އެހެން ކަމުން ޓެކްނޮލޮޖީގެ އެފަދަ ވަސީލަތްތަކަކީ އޭގެ ފަހަތުގައި ކޮންމެވެސް ސިއްރުތަކެއްވާ ތަކެއްޗެވެ.
މީގެ ކުރިން ދިވެހިން ބިރު ގަންނަނީ ފޯން ކޯލް އަޑު އަހާފާނެތީ އެވެ. ޖާސޫސީ ދާއިރާގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މީހުންގެ ފޯން ކޯލް އަޑުއެހުމަކީ ވަރަށް ބުރަ އަދި ވަރަށް ހަރަދު ބޮޑު ކަމެކެވެ. އޭގެ ބަދަލުގައި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބަލައި ހެދުން ފަސޭހަ އެވެ.
"ފޯން ކޯލް އަޑުއެހުމަކީ ވަރަށް ވަގުތު ދާކަމެއް. ރިއަލްޓައިމް ކޯލްތައް އަޑުއަހަން ޖެހެންޏާ ޖެހޭނީ އެކަމަށް ހުސްވެ ހުންނަން،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ފޯންކޯލްތައް އަޑު އަހާތީ ބިރުން ސޯޝަލް ނެޓްވޯކްތަކަށް ދިޔަ ދިވެހިންނަށް މިފަހަރު މި ލިބުނީ ރަނގަޅު ހަބަރެއް ނޫނެވެ. އޭގެ ބަދަލުގައި މި ދެކެވެނީ އެފަދަ ނެޓްވޯކްތައް ބެލޭ ވާހަކައެވެ. އަދި މޮނީޓާ ކުރެވޭ ވާހަކަ އެވެ.
ސިޔާސީ ވާހަކަތައް ދެކެވޭ، އެކުވެރިކަން ބަދަހިކޮށް، ލޯބިވެރިންނާއި އާއިލާއާ އޮންނަ ގާތްކަން އިތުރުކުރަން ބޭނުންކުރާ ވައިބާގެ ހަގީގަތަކީ ވެސް މިއީ އެވެ. ހަމަ އެހެން ނެޓްވޯކްތަކެކޭ އެއްފަދައިން އެ ނެޓްވޯކަކީ ވެސް ބަލައި ޗެކް ކުރެވޭ ނެޓްވޯކެއް ކަމެވެ. އެހެން ކަމުން ފޯންކޯލް ދެކެ ބިރުން ތިބޭނުންކުރާ ވައިބާ އަކީ ވެސް ހަމަ އެފަދަ ވަސީލަތެކެވެ.