ސިޔާސީ ޕާޓީތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ނަމަވެސް ގާނޫނު ނިޔާކުރާ ގޮތުން ފިޔަވަޅު އަޅަންޖެހިއްޖެނަމަ އެކަން ވެސް ޖެހޭނީ ކުރަން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން ވިދާޅުވެއްޖެ އެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ދިއްގަރު ސްކޫލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި "ސަން"އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ސުލައިމާން ވިދާޅުވީ އެ ކޮމިޝަނުން ބަލަނީ ފިޔަވަޅު ނާޅައި ވޭތޯ ކަމަށާއި ނަމަވެސް ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ގެންދަނީ ޕާޓީތަކުން ކަމަށެވެ.

"ފިޔަވަޅު ނާޅާ ވޭތޯ މަސައްކަތް ކުރާނަން. ނަމަވެސް ފިޔަވަޅު އަޅާ ހިސާބަށް އަޅުގަނޑުމެން ގެންދާނީ ޕާޓީތަކުން. އަޅުގަނޑުމެން ކުރަން ބޭނުންވެގެން ކުރާ ކަމެއް ނޫން. ފިޔަވަޅު އަޅަންޖެހިއްޖެނަމަ އަޅުގަނޑު އަޅާނަން. ފިޔަވަޅު އަޅާނީ އެކަމަށްޓަކައި ބަލަންޖެހޭ ބެލުންތައް ބަލައި ދިރާސާ ކުރުމަށްފަހު،" ސުލައިމާން ވިދާޅުވި އެވެ.

އިލެކްޝްންސް ކޮމިޝަންގެ މެމްބަރުންނާއެކު އޮފިޝަލެއް-- ސަން ފޮޓޯ/ އަހުމަދު އާޒިފް

އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމްް ވިދާޅުވީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ އަދިވެސް ދިރާސާކޮށް ނުނިމޭ ކަމަށެވެ. އެ މުޒާހަރާގައި ހިނގި ހަމަނުޖެހުންްތަކާ ގުޅޭ ގޮތުން އެއްވެސް ޕާޓީއަކާ މެދު ފިޔަވަޅު އަޅާނީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކަމަށެވެ.

މޭޑޭ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދަައުވާ އުފުލާފައެވެ. އަދި އެ މުޒާހަރާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެެ މައްސަލަ ވެސް ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.