ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ފާރިސް މައުމޫނަކީ ޕީޕީއެމްގެ ޕީޖީ ގުރޫޕަށް ލިބިވަޑައިގެންނެވި "ރަންގަނޑެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ސިފަ ކުރައްވައިފި އެވެ.

ފާރިސްއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ޕީޖީ ގުރޫޕު ދެ ފެކްޝަނަކަށް ބެހުނީ ކަމަށް ބުނެ ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ފާރިސް ގޮނޑި ކާމިޔާބު ކުރެއްވުމަކީ ލިބުނު ކާމިޔާބީ އެއް ކަމަށެވެ.

"ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕަށް ލިބިގެން މި ދިޔައީ ހަމަ ރަންގަނޑެކޭ ދަންނަވަން ކެރޭނެ، އިލްމީ ގާބިލު އަދި މި މަސައްކަތުގައި މިހާރުގެ މެންބަރުންނަކީ ވެސް ދިރާސާ ކުރައްވާ މެންބަރުން،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ދިއްގަރު ދާއިރާގެ ގޮނޑި ޕީޕީއެމަށް ކާމިޔާބު ވެގެން ދިއުމަކީ "މުޅިގައުމަށް ލިބުނު ކާމިޔާބީއެއް" ކަމަށާއި އަދި ހާއްސަކޮށް ދިއްގަރު ދާއިރާގައި ހިމެނޭ ފަސް ރަށަށް ލިބިގެން ދިއަ ވަރަށް ބޮޑު ކުރި އެރުމެއް ކަމަށެވެ.

ފާރިސްއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ -- އަލީ ނަސީރު

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ރައްޔިތުންގެ އަދަދަކީ 25 ޕަސެންޓް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދާ ވާހަކަތަކަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ ކޮންމެ އިންތިހާބަކުން ޕީޕީއެމް ދަނީ ކާމިޔާބު ހޯދަމުން ކަމަށާއި، އިދިކޮޅު ފަރާތްތަކުން އެ ބެފުޅުންނަކީ 75 އިންސައްތައޭ ވިދާޅުވާ އިރު އެވީތަނެއް ނޭންގޭ ކަމަށެވެ.

"ހިސާބު ކިތާބު ޖަހައިގެން އަދި ނުޖޫމީ އިލްމުވެރިން ގެނެސްގެން ނަމަވެސް އަޅުގަނޑުމެން 75 އިންސައްތަ ވީ ހިސާބެއް ހޯދާލަން އެބަޖެހޭ. ރާއްޖެއަކު އެކަންޏެއް ނޫން ރާއްޖޭން ބޭރުގައި ވެސް މި ވާހަކަ އެބަ އޮތް. ނަމަވެސް އިންތިހާބެއް ހަމަ ބާއްވާ އިރަށް ކާމިޔާބު މި ހޯދަނީ އަޅުގަނޑުމެން،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު އާއި، ޕީޕީއެމްގެ ކައުންސިލު މެންބަރު އަދި އެޕާޓީގެ ރައީސް މައުމޫނު އަބްލުން ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު އަދި ޕީޕީއެމް ޕީޖީ ގުރޫޕުގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު ވެސް ފާރިސްއަށް މަރުހަބާ ދައްނަވާ ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޕީޕީއެމްގެ ކެންޑީޑޭޓް ފާރިސް މައުމޫނު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ މާލެއާއެކު ދިއްގަރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ހަ ރަށުން ވެސް ކުރި ހޯއްދަވައިގެނެވެ. ފާރިސް ވަނީ އިންތިހާބުގައި ވޯޓުލީ މީހުންގެ ތެރެއިން 59 ޕަސެންޓް މީހުން ވޯޓު ހޯއްދަވާފަ އެވެ. އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ރާޒީއަށް ލިބިވަޑައިގެންނެވީ 36 ޕަސެންޓް މީހުންގެ ވޯޓެވެ.