ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ކަންކަން ހިންގުމަށް ހުރަސް އަޅައި، ރައްޔިތުން ބާރުވެރިކުރުމުގެ ބަދަލުގައި ޚުދުމުހުތާރު އުސޫލުތައް ދަމަހައްޓަމުން ދިއުމަށް ސަރުކާރުން ހިންގާ ގާނޫނާ ޚިލާފް ޢަމަލުތަކާ ދެކޮޅަށް ދިވެހި ރައްޔިތުން ނުކުންނަން ވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ކ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ށ. އަތޮޅު ކައުންސިލްގެ އިދާރާގެ މައްސަލައިގައި ސަރުކާރުން ޢަމަލު ކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ ބޮޑު އެއްބާރު ވެރި ކުރުވުމަކީ ރައްޔިތުން އިންތިޚާބު ކުރާ ބަޔަކާ ހަވާލުކޮށްގެން އިދާރީ ދާއިރާ ތަކެއް ހިންގުން ކަމަށެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ނިމި ކައުންސިލްތަކުގެ ގިނަ މެމްބަރުން ހުވާކުރައްވައި މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތުމާ ހަމަޔަށް ދިޔައިރު ފެންނަމުންދާ މަންޒަރަކީ ސަރުކާރު ހިންގަން ތިބި އިސްބޭފުޅުން ޚުދުމަޚްތާރު ކަން ކުރިއަށް ނެރުއްވައި، ލޯކަލް ކައުންސިލްތައް ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހިންގުމަށް ހުރަސް އަޅައި ބާރުގެ ބޭނުންކޮށް ރައްޔިތުންނަށް ބިރުދައްކަމުންދާ ތަން ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ ލާމަރުކަޒީ ގާނޫނުގެ 155 ވަނަ މާއްދާގައި ސަރީހަ އިބަރާތުން، އަތޮޅު ކައުންސިލްތަކުގެ އިދާރާތައް ގާއިމްކުރަންވާ ތަންތަން ކަނޑައަޅާފައި ވަނިކޮށް، އެ ގާނޫނާއި އެއްގޮތަށް އަތޮޅު ކައުންސިލްތައް ހިންގުމަށް ސަރުކާރުން ހުރަސް އެޅުމަކީ ޣައިރު ގާނޫނީ ޢަމަލެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ. ހޯމް މިނިސްޓަރު ކަމަށް އައްޔަންކޮށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އަދި ލިބިފައިނުވާ ހަސަން އަފީފް ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނާއި ފުލުހުންގެ ގަނޫނާއި ޚިލަފާށް ނެރުމުންދާ އަމުރުތަކަށް ކިޔަމަން ނުވުމަށް ފުލުހުންނަށް ވަނީ ޖުމްހޫރީ ޕާޓީގެ ބަޔާނުގައި އިލްތިމާސް ކޮށްފަ އެވެ.

"ރައްޔިތުންގެ ވޯޓުންއިންތިޚާބުވެފައިވާ ކައުންސިލްތަކުގެ މައްޗަށް ބަސްކިޔައި، އަމުރުކޮށް، ނުފޫޒު ހިންގާނެ އެއްވެސް މަގާމެއް އަދި އެއްވެސް އޮފީހެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި ނަމަ، އެއީ ގާނޫނު އަސާސީގެ ރޫހާ، ލާމަރުކަޒީ އުސޫލުން ގައުމު ހިންގުމުގެ ގާނޫނުތަކާ ހަމަތަކާ ޚިލާފު ޢާމަލެއްކަން ކަށަވެރެވެ." ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވެ އެވެ.

ޖުމްހޫރީ ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި އަދި ބުނެފައިވަނީ ހެޔޮވެރިކަމެއް ހިންގުމުގެ ނަމުގައި ރާއްޖޭގެ ކަންކަން ހިންގުމާ ހަވާލުވި ސަރުކާރު މިއަދު ފެންނަނީ ޒިމްބާބުވޭ އާއި ލީބިޔާފަދަ ގައުމުތަކުގެ ޚުދުމުޚުތާރު ސަރުކާރުތަކާ އެއްގިންތިއަކަށް ވެއްޓި، ގާނޫނު މުގުރާލުމަށް ރައްޔިތުންނަށް އަނިޔާވެރިވުމަށް ބޭނުން ކުރާ ކުލީ ސިފައިންގެ ގޮތުގައި ސަލާމަތީ ބާރުތަކުގެ ބޭނުން ހިފަމުންދާ ތަން ކަމަށެވެ. އަދި ސަރުކާރުގެ ޚުދުމުޚުތާރު އަމުރުތަކަށް ކިޔަމަންނުވާ ފުލުހުންނާއި ސިފައިން އެއްވެސް ގާނޫނީ ހަމައެއް ނެތި ގެއަށް ފޮނުވާލާތަން ވަޒީފާ އިން ވަކިކުރާތަން ތަން ކަމަށް ވެސް އެޕާޓީން ބުންޏެވެ. އަދި ހައްގުބަސް ބުނާ ރައްޔިތުންގެ މިނިވަންކަން ފޭރިގަންނަން މަސައްކަތް ކުރާތަން ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވެ އެވެ.