ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން ވިލިމާލެ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ ހަރަކާތަކީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި "ސޭވް ދަ ބީޗް މޯލްޑިވްސް" އިން އިންތިޒާމު ކުރާ "ވަން ނޭޝަން ކޮރަލް ރިވައިވަލް"ގެ ނަމުގައި ކުރިއަށްގެންދާ، ރާއްޖޭގައި މުރަކަ އިންދުމަށް މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށް ދާނީ ވިލިމާލެ ހުޅަނގު ފަރާތު އަތިރިމަތީ (ވޯޓާ ސްޕޯޓްސް ބީޗް)ގަ އެވެ. އޭގެ އިތުރުން އެކަމާ ގުޅޭ ތަފާތު ހަރަކާތްތައް ވިލިމާލެ އިރުމަތީފަރާތައް ވާގޮތަށް އޮންނަ ބީޗް ސަރަހައްދުގައި ކުރިއަށްދާނެ އެވެ.

ވިލިމާލެ ފަރުގައި މުރަކު އިންދުމުގެ ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުރަކަ އިންދުމުގެ މަސައްކަތް ފެށުމަށް މިއަދު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ މުރަކަ ފަރުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ މިއަދު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށި ގުޅިފައި ވަނީ ރާއްޖޭގެ އިގްތިޞާދައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މުރަކަ އިންދުމަށް ކުރިއަށްގެންދާ ހަރަކާތުގެ ސަބަބުން ރާއްޖޭގެ ފަރުތައް ރައްކާތެރި ކުރުމާމެދު މީހުންގެ ހޭލުންތެރިކަން އިތުރުވާނެ ކަމަށެވެ. އަދި މީހުންނަށް އެކަމާގުޅެ މައުލޫމާތު ދިނުންފަދަ ކަންކަން ވިލިމާލެ ހުޅަނގުފަރާތުގައި ބަހައްޓާފައި ހުރި ސްޓޯލްތަކުގައި ކުރިއަށްދާނެ ކަމަށެވެ.

ވިލިމާލެ ފަރުގައި މުރަކު އިންދުމުގެ ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ފަރުތައް ހަލާކުވެފައިވާ ނަމަ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ ފަރުތަކުގެ ރީތިކަމާމެދު އުފެދިފައިވާ ޝައުގުވެރިކަން ނެތިގެންދާނެ ކަމަށާއި، އެހެންވެއްޖެ ނަމަ ރާއްޖޭގެ ޓޫރިޒަމަށް އޭގެ ހުރަސްތައް ކުރިމަތިވެ، ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

މުރަކަ އިންދުމަށް ކުރިއަށްގެންދާ ހަރަކާތް މާދަމާ ވެސް ހެނދުނުން ފެށިގެން ރޭގަނޑު 10:00 އާއި ހަމައަށް ކުރިއަށްގެންދާ އިރު، ސޭވް ދަ ބީޗް ގެ ފަރާތުން ވަނީ އާންމުންނަށް އެކި ކަހަލަ މޫދު ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.