06 Jun 2015, 20:27
ތިލަފުށިން އަރާ ދުމާއި އެތަނަށް އަޅާ ކުނީގެ ސަބަބުން ރާއްޖޭގެ މަލަމަތި ހަޑިވެފައިވާ ކަމަށާއި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަނުން އަރާ ދުންތައް ހުއްޓުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
މުރަކަ އިންދުމަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަރަކާތް ފެށުމަށް ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތިލަފުއްޓަކީ މި ސަރަހައްދުގައި އުޅޭ ބަޔަކަށް ނުފެންނަ ތަނަކަށް ނުވަތަ ނެތް ތަނަކަށް ހަދައިގެން ނޫޅެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ވަނީ ގްރީން ޓެކްސްގެ ނަމުގައި ނޮވެމްބަރު މަހުން ފެށިގެން ޓެކްސް އެއް ނަގަން ފާސްކޮށްފައި. އަޅުގަނޑުމެންގެ ވައުދަކީ އެ ޓެކްސްގެ ސަބަބުން ލިބޭ ފައިސާ އަކީ ތިލަފުށީގައި މިއޮތް މައްސަލަ، ފުރަތަމަ ދިވެހިރާއްޖޭގެ ވޭސްޓް މެނޭޖްމަންޓް މައްސަލަ ހައްލުކުރުމަށްޓަކާ އޭގެ ފަންޑިންއަށް ބޭނުންކުރެވޭނެ ފައިސާ. އެހެންވީމަ ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަނުން އަރާ ދުން ހުއްޓުވާނަން،" މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ރާއްޖެއަށް އަންނަ ބައެއް ފަތުރުވެރިން ވެސް އެއީ "ވޮލްކެނޯއެއް" ކަމަށް ސިފަކޮށް، ރާއްޖޭގައި ވޮލްކެނޯ ހުރޭތޯ އެމަނިކުފާނު ގާތުގައި ސުވާލުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ކައިރީގައި ބައެއް ޓޫރިސްޓުން އެބަ އަހާ އެއީ ކޮން ވޮލްކެނޯއެއްހޭ، ރާއްޖޭގައި ވޮލްކެނޯ ހުރޭހޭ. އަޅުގަނޑުމެން ބުނަނީ ރާއްޖޭގައި ވޮލްކެނީއެއް ނުހުރެއޭ ނަމަވެސް ތިކަމާ ގުޅޭ ގޮތުން މިވަގުތު ޖަވާބެއް ދެވޭކަށް ނެތޭ. އެހެންވީމަ މިއާ ކޮންމެ ގޮތަކުން ނަމަވެސް ހައްލުކުރަން ޖެހިފައިވާ މައްސަލަ އެއް،" އަދީބު ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، ވަރަށް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އަޑިއަށްދާނެ ކަމަށް މީހުން ބުނި ނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 500 އަހަރު ވެސް ރާއްޖޭގައި މީހުން އުޅޭނެ ކަމަށެވެ. އަދި ދިވެހިން މަސައްކަތް ކުރަނީ އަމިއްލަ ގައުމުގެ ތިމާވެށި ރައްކާތެރިކޮށް ރާއްޖެ ހިމާޔަތްކުރަން ކަމަށެވެ.
"ރާއްޖެ އަކީ އާ ގޮތްތައް އީޖާދު ކުރާ އަދި އެކަންތައްތަކަށް އަހުލުވެރިވުމަށް މަސައްކަތް ކުރާ ބައެއް އުޅޭ ގައުމެއް. އެގޮތުން ބިން ހިއްކައިގެން ނަމަވެސް، ފެންމަތީގައި އޮންނަ އެއްޗެހި ހަދައިގެން ނަމަވެސް ރާއްޖޭގައި އިރާދަކުރެއްވިއްޔާ މީހުން ދިރިއުޅޭނެ،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އަޑިއަށް ދިޔުމުގެ ބަދަލުގައި ނުވަތަ އެހެން ގައުމަކަށް ދިޔުމުގެ ބަދަލުގައި ތިމާވެށީގެ ބަދަލުތައް ގަބޫލުކޮށްގެން އެ ކަމަށް ސަލާމަތްވުމަށް ރާއްޖެއިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް އަދީބު ބައްލަވާލައްވަނީ-- ސަން ފޮޓޮ/ އަހުމަދު އާޒިް