06 Jun 2015, 17:25
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ހާއްސަ ހަފްލާއަކާއި މިއުޒިޔާ އެކު ފާހަގަކުރުމަށް އދ. އިން ނިންމައިފި އެވެ.
ފެށޭ ހަފްތާގެ ހޯމަ ދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހެވެ. އެދުވަސް ފާހަގަކުރަން އދ. އިން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އދ.ގެ ތަރުޖަމާނު ސްޓިފަން ޑުޖެރިކް ވިދާޅުވީ ކަނޑުތަކުގެ ދުވަހާ ގުޅިގެން އެ ޖަމިއްޔާ އިން ބާއްވާ ހަފްލާ ކުރިއަށް ދާނީ ނިއުޔޯކްގައި ހުއްނަ އދ.ގެ ހެޑްކުއާޓާސްގައި ކަމަށެވެ.
އަދި އެ ހާއްސަ ހަފްލާގައި ކަނޑުތަކުގެ ދުވަހާ ގުޅިގެން ހުޅުވާލި ކަނޑުތަކުގެ ފޮޓޯ ނެގުމުގެ މުބާރާތުން ވަނަ ވަނަ އަށް އަންނަ ފަރާތްތައް ހޮވުން އޮއްނާނެ ކަމަށާއި އޭގެ ތެރެއިން އެއްވަނަ އަށް ހޮވޭ ފޮޓޯ ބޮޑުކޮށް ދައްކާޅުން ވެސް އޮއްނާނެ ކަމަށް ސްޓިފަން ވިދާޅުވި އެވެ.
އދ. އިން ވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ހާއްސަކޯށް ޝިއާރެއް ވެސް އެކުލަވާލާފަ އެވެ. މިއަހަރުގެ ޝިއާރަކީ "ހެލްތީ އޯޝަންސް ހެލްތީ ޕްލެނެޓްސް" އެވެ.
އޭގެ އިތުރުން ވެސް ކަނޑުތަކަށް ހާއްސަ ތިން ކުލަ ކަމަށްވާ ހުދު، ނޫ އަދި ދަނބު ކުލައިން އެމްޕައާ ސްޓޭޓް ބިލްޑިންގް ހޯމަ ދުވަހު ދިއްލާލާނެ ކަމަށް ވެސް އދ.ގެ ތަަރުޖަމާނު ވިދާޅުވި އެވެ.
މީހުންނަށް ހާއްސަކޮށް ކަނޑުތަކުގެ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި މަސްބޭނުމާއި އެކުއާކަލްޗާގެ ހަރަކާތްތަށް އަދި މެރިން ޕޮލިއުޝަން ފަދަ ކަން ކަން ހިމެނެ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 1992 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ އަށްވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި އދ. އިން ވަނީ ހަމަޖައްސާފަ އެވެ.