ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ގިނަ ވައްތަރުތަކެއްގެ މުދާ އެއްތަނަކުން ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ބާއްވަމުން އަންނަ ނައިޓް މާކެޓުގެ މޭޒުތަކަކުން ރޭ ވައްކަން ކޮށްފި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްލާއިލް އާސިފް "ސަން"އަށް މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ މޭޒުތަކަކުން ރޭ ވައްކަން ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ރިޕޯޓު ކޮށްފައިވާ އަދަދަށް ބަލާ އިރު އަށް މޭޒަކުން ވައްކަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އާސިފު ވިދާޅުވީ ވަގަށް ގެންގޮސްފައި ވަނީ ކިހާ އަދަދެއްގެ މުދަލެއް ކަމެއް ޔަގީން ކަމާ އެކު ވިދާޅުވުމަށް ދަތި ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް އެކަން ކުށްވެރި ކުރަން އިނގޭތޯ، ހަމަ ހަރުކަށި އިބާރާތުން. އަޅުގަނޑުމެން މި ބަލަނީ އެ ހިސާބުގައި ހުރި ކެމެރާތަކުން ވައްކަން ކުރި ބަޔަކު ހޯދޭނެ ކަމަށް. ދެން އެ މުދަލަކީ އެ މީހުން [ވަގުން] ގެންދިޔަސް ވިއްކައިގެން ނޫނިއްޔާ ފައިދާއެއް ހިފޭނެ އެއްޗެއް ނޫން ދެއްތޯ. އޭގެއިން ފައިސާ ލިބޭނީ އެކަހަލަ ގޮތަކަށް. މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައި ދިނުމަށް ފުލުހުންގެ ކިބައިން އެދިގެން މިއުޅެނީ،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން ކުރި ބަޔަކު ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެފަދަ މުދަލެއް ގަންނަ ފަރާތްތައް ވެސް ތަހުގީގަށް ހާޒިރު ކުރާނެ ކަމަށެވެ.

ނައިޓު މާކެޓު މި އަހަރު ފަށާފައި ވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހު އެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ވަނީ ނައިޓު މާކެޓު ކުރިން ނިންމާލަން އޮތް ތާރީހު ފަސްކޮށް އިތުރު ފަސް ދުވަހު އިތުރު ވެސް ކޮށްފަ އެވެ. ނައިޓު މާކެޓު ކުރިން ނިންމާ ގޮތަށް އޮތީ މި މަހުގެ 8 ގަ އެވެ. އެހެންނަމަވެސް މިހާރު ނައިޓު މާކެޓު ނިންމާ ގޮތަށް ހަމަޖައްސާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

މިއަހަރުގެ މާކެޓްގައި ވެސް ބަދިގެއާއި ކުޑަކުދިންނަށް ބޭނުންވާ އެކި ކުޅޭ ސާމާނުގެ އިތުރުން އަންނައުނު ލިބޭ 500 މޭޒު އެބަހުއްޓެވެ.