06 Jun 2015, 17:10
ރަށު ފެންވަރުގައި ކުނި މެނޭޖު ކުރުމުގެ ހިދުމަތް ރަސްމީކޮށް ބ. އަތޮޅު މާޅޮހުގައި އިފްތިތާހުކޮށްފި އެވެ.
މާޅޮހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގައި ކުނި މެނޭޖު ކުރުމުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވާފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ދީދީ އެވެ.
މިއަދު އިފްތިތާހު ކުރި އެ ހިދުމަތަކީ މޯލްޑިވްސް އެންވަޔަރަމެންޓް ޕްރޮޖެކްޓްއާއި މާޅޮހު ކައުންސިލުންނާއި އެ ރަށުގެ އަންހެނުން ކުރިއަރުވާ ކޮމިޓީ އަދި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑާ ގުޅިގެން އިފްތިތާހު ކުރެވުނު ހިދުމަތެކެވެ.
އެ ހިދުމަތާ އެކު މާޅޮހުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކޮށް ނައްތާލުމަށް ފަސޭހަ ވެގެންދާނެ އެވެ. އޭގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ގެއްލުން ނުވާނޭ ގޮތަށް ކުނި މެނޭޖު ކުރެވޭނެ އެވެ.
މި އަހަރު ތެރޭގައި ޖުމްލަ 13 ރަށެއްގައި ވޭސްޓްމެނޭޖްމެންޓް ސެންޓަރު އެޅުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިހާތަނަށް ހަވާލުކުރި 13 މަޝްރޫއުގެ ޖުމްލަ އަގަކީ 10 މިލިޔަން ރުފިޔާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.