ބޮލީވުޑްގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖާވިދް އަހްތަރުގެ ދަރިފުޅު ފަރްހާން އަހްތަރު ފިލްމީ ދާއިރާއާ ގުޅުނީ އޭނާގެ އާއިލާގެ ފިލްމީ ތާރީހެއް އޮތުމުން ނޫން ކަމަށާއި، ބޮލީވުޑްގައި ގިނަ ދުވަސް ތަކެއް ވަންދެން ފިޔަ ޖަހާފައިވާ އަދި މިހާރުވެސް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އަމީތާބް ބައްޗަންގެ ސަބަބުން ކަމަށް ފަރްހާން ބުނެފި އެވެ.

ފިލްމް ޕްރޮޑިއުސްކޮށް އެކްޓްކޮށް އަދި ލަވަ ވެސް ކިޔާ ފަރްހާން މުމްބާއީގައި ބޭއްވި ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ބުނީ ފިލްމީ ދާއިރާއަށް އޭނާ ވަނުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އަމީތާބުގެ މަސައްކަތް ކަމަށެވެ.

އެންމެ ފަހުން ފަރުހާން ކުޅުނު "ދިލް ދަޅަކްނޭ ދޯ" ގައި އަމީތާބާއެކު މަސައްކަތް ކޮށްލުމަށް ލިބުނު ފުރުސަތު އޭނާ ސިފަކޮށްފައި ވަނީ "ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމެއް" ގެ ގޮތުގަ އެވެ. އަދި މީގެ ކުރިން ވެސް އަމީތާބާއެކު މަސައްކަތް ކުރުމަކީ އަބަދުވެސް ބޭނުންވި ކަމެއް ކަމަށް ފަރުހާން ބުންޏެވެ.

އަމީތާބާއެކު އިތުރު ސިޔާސީ ޑްރާމާއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ފަރްހާންއަށް ވަނީ ލިބިފަ އެވެ. އެއީ ބެޖޯއީ ނަމްބިއާ ޑައިރެކްޓް ކުރާ "ބިގްބީ އިން ވާޒިރް" ގަ އެވެ.

ފަރްހާން އެންމެ ފަހުން ކުޅުނު "ދިލް ދަޅަކްނޭ ދޯ" ދަނީ ބޮޑު ސްކްރީން ތަކުގައި އާންމުގެ މަގްބޫލުކަން ހޯދަމުންނެވެ.